ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ)، ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ.
ހަސަންޓޭ ޕީއެންސީ އަށް ސޮއިކުރަށްވާފައިވާކަން އޭނާގެ އިތުރުން ޕްރޮގްރެސިވް އިއްތިހާދުން ވެސް ވަނީ ބުނެފައެވެ.
ހަސަންޓޭ ޕީއެންސީއާއި ގުޅިވަޑައިގެން ފޯމު ހަވާލުކުރައްވާފައި ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ އެވެ.
ހަސަންޓޭ ސޮއިކުރެއްވި ރަސްމިއްޔާތުގައި އިނގުރައިދޫ ދާއިރާގެ 18 ވަނަ މަޖިލީހުގެ މެންބަރު އިބްރާހިމް ފަލާޙް ވެސް ބައިވެރިވެވަޑައިގަތެވެ. ފަލާހް އަކީ ސަރުކާރުގެ ޓިކެޓްގައި މިފަހަރު އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު އެމްޑީީޕީ ދޫކޮށް ޕީއެންސީއާއި ގުޅިވަޑައިގެންފި.
މަރުޙަބާ @MMuizzu @HassantayMDP pic.twitter.com/jeI14Fsqfv— Progressive Party of Maldives (@ProgressPartyMV) January 7, 2024
މެންބަރު ހަސަންޓޭ އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި އިނގުރައިދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އޭނާ އެމްޑީޕީ މި ދޫކޮށްލެއްވީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީ އަށް ސޮއިކުރެއްވުމުން ދެން އިތުރު މެންބަރަކު އެމްޑީޕީދޫކޮށް ނުދާނެ ކަމަށް އެ ޕާޓީން ޖެހިގެން އައިދުވަހު ބުނެފައިވަނިކޮށެވެ.
ހަަސަންޓޭ އެމްޑީޕީ ދޫކޮށްލެއްވުމުން އެމްޑީޕީގެ މެންބަރުންގެ އަދަދު 42 އަށް ވެއްޓި، މަޖިލީހުގެ ދެބައިކުޅަ އެއްބައިގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ. 19 ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!