މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލެއްވީ ރައީސްގެ ތަސައްވުރާ އެއްގޮތައް މާލެ ސިޓީ ތަރައްގީކުރަންކަމަށް މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެއެވެ.
އާޒިމާގެ މެނިފެސްޓޯ ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އޭނާ މާލޭގެ މޭޔަރުކަމަށް ހޮވައިގެން ރާއްޖޭގެ އެއްވެސް ރައްޔިތަކު ކުރަން ޖެހޭ ހިތާމައެއް ނޯންނާނެކަމަށެވެ.
ރައްޔިތުން އޭނާ އިންތިޚާބުކޮށްދީފިނަމަ އޭނާ ވެގެން ދާނީ ތަފާތު ދައްކައި ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭ މޭޔަރަކަށް ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވަނީ ރާއްޖޭގެ ރައީސް ކަމަށް ޑރ. މުޙައްމަދު މުއިއްޒު އިންތިޚާބުވެވަޑައިގަތީ މާލެ ސިޓީ މޭޔަރުކަމުގެ ތަޖުރިބާ ހޯއްދަވައިގެންކަމަށާއި، އެމަނިކުފާނު އޭނާއާއެކު ހުންނެވުމުން ޖެހިލުންވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވީ ރައީސް މުޢިއްޒުގެ ގެ ޙިޔާލުފުޅާއި ތަސައްވުރާއި، އެއްގޮތައް މާލެ ސިޓީ ތަރައްގީކުރެއްވުމަށް ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ. އަދި، އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
އާޒިމާގެ ވާހަކާގައި ސަރުކާރުގެ ކެންޑިޑޭޓަކު މާލޭ މޭޔަރުކަމަށް ހޮވަންވީ، ސަރުކާރާ ގުޅިގެން ޚިދުމަތް ކުރުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އާޒިމާގެ މެނިފެސްޓޯ ރޭ ލޯންޗްކޮށްފައިވާއިރު އެ މެނިފެސްޓޯގައި މާލޭގައި ދިރިއުޅޭ އަންހެނުންނަށް ޚާއްސަކޮށްގެން 1،500 ވަޒީފާ އުފެއްދުމުގެ ވައުދާއެކު މުހިންމު ވައުދުތަކެއް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!