މިހާރު ހިނގަމުން އަންނަ ފަސް އަހަރު ނިމޭ އިރު، މާލޭގައި ގެދޮރު ނުލިބޭ އެކަކު ވެސް ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް އެންމެ ދުވަހެއް ވެސް ބޭކާރު ނުކުރައްވައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ގެދޮރުގެ ދަތިކަމުގެ މައްސަލައަކީ ގައުމީ މައްސަލަތައް ނަގާފައި، އެންމެ ބޮޑު މައްސަލަ ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފައެވެ.
ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ގުޅިފަޅާއި ހުޅުމާލެ އާއި ގިރާވަޅުފަޅާއި ރަސްމާލެ ހިއްކަމުން އަންނަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މި ތަންތަނުން އުފެދޭ ބިމާ އެކީގައި %5 އަށް ވުރެ ބޮޑު ނޫން އިންޓަރެސްޓް ރޭޓްގައި ލުއި ލޯން ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި އެ ލޯންގެ ސަބަބުން އެ ބިންތަކުގައި ގެދޮރު ބިނާ ކުރުމަށް ވަރަށް އަވަހަށް ފުރުސަތު ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މި ދައުރު ނިމުމުގެ ފަސް އަހަރު ކުރީގައި މި ދެންނެވި ހަތަރު ބިމުން އުފެދޭ ޖާގައާއެކީގައި، ޖާގަ އިން އެ ލިބޭ ގޯއްޗާއި ފްލެޓު ލިބިގެން ދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް. ހަމަ އެންމެ ރައްޔިތަކު ވެސް ނުހުންނާނެ. އިރާދަކުރެއްވިއްޔާ %100 ޔަގީންކަން މި ދެނީ. މާލޭގައި ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް. މި ފަސް އަހަރު ނިމޭ އިރު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތައް ތެދުވެރިކަމާއިއެކު ވައުދުތައް ފުއްދަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރުމާއި، ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓުތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ފްލެޓުތަކުގެ ކުލި ކުޑަކުރެއްވި ކަން ފާހަގަ ކުރެއްވިއެވެ. އަދި ސޯޝަލް ހައުސިންގެ ދަށުން ޖޫރިމަނާ އަރާފައިވާ ހުރިހާ ފްލެޓުތަކެއްގެ ޖޫރިމަނާ ވެސް މާފުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގޯއްޗާއި ފްލެޓް ދޭނީ ކައުންސިލް މެދުވެރިކޮށް ކަމަށާއި، އެމަނިކުފާނު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާނީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ. ކައުންސިލުން ގޭގެއަށް ގޮސް ރައްޔިތުންގެ ހާލާއި ދިރިއުޅުމުގެ ހާލަތު ބަލަން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންވެ، މާލެ ސިޓީ ކައުންސިލަށް ހޮވަންޖެހެނީ އެމަނިކުފާނަށް %100 އެއްބާރުލުން ދޭނެ ކެންޑިޑޭޓުންތޯ ނުވަތަ ޕާޓީން ބުނާ ގޮތަކަށް ކަންކަން ކުރާނެ ކެންޑިޑޭޓުންތޯ މާލޭގެ ރައްޔިތުން ނިންމަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!