އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެ ޕާޓީގެ ޕްރައިމަރީ އަށް އިއްޔެ ހުޅުވާލައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލައި އެ ޕާޓީން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު އެވެ.
މި ޕްރައިމަރީއަށް ކުރިމަތިލިމުށް އެދޭ އެ ޕާޓީގެ މެމްބަރުންނަށް އެ ފުރުސަތު، އިއްޔެއިން ފެށިގެން ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
މި ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ އެ ޕާޓީގެ މެމްބަރުންނަކީ 4 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރަކަށްވާންޖެހެއެވެ.
މީގެ އިތުރުން އެފަދަ މެންބަރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާންވާންޖެހޭނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެއެވެ.
ޑިމޮކްރެޓްސް އިން ބުނީ މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް، ޝަކުވާއަށް 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހު ހުޅުވައިލާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ 10 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އަށް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ޑިމޮކްރެޓްސްއިން މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް 11 ފެބްރުއަރީ ގައި އާންމުކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
މި ޕްރައިމަރީގައި ވާދަކުރުމަށް އެދި، އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް އެ ޕާޓީގެ ޓިކެޓް ދޭން ނިންމާފައިވާކަމަށް ވެސް ދަ ޑިމޮކްރެޓްސްއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!