މި ސަރުކާރުގައި ތިބީ 24 ގަޑިއިރު ހީވާގިކަމާއެކު މަސައްކަތްކުރާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުން ތިއްބެވީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފްތިތާޙްކޮށް ދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި މި ބޮޑު މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުގެ ޓީމަކީ ވަރަށް ހީވާގި ޓީމެއް ކަމަށާއި، ރެއާ ދުވާލު 24 ގަޑިއިރު ކަހަލަ ގޮތަކަށް އެ ޓީމުން ދަނީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.

މި ސަރުކާރުން އިޤްތިޞާދީ މަސައްކަތަށް އިސްކަންދޭ މިންވަރު ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ، އިކޮނޮމިކް ކައުންސިލް، ދުވާލަކު އެއްފަހަރު ބާއްވަމުން އަންނަ ކަމަށެވެ. އަދި އެ ކައުންސިލް ބައެއްފަހަރު ދުވާލަކު ދެފަހަރުވެސް ބޭއްވޭ ކަމަށެވެ.

''މިއަދުގެ އިކޮނޮމިކް ކައުންސިލް ނިމުނީ މިރޭ 7 ޖެހިއިރު. ނިމި ޖަލްސާ މި ފެށުނީ. ސޯޝަލް ކައުންސިލްވެސް ވަރަށް ގިނައިން އެބަ ބާއްވަން. ކެބިނެޓް ބައްދަލުވުންތައް ހަމަ ހަފްތާއަކު އެއްފަހަރު އެބަ ބާއްވަން. ކެބިނެޓްގައި އަޅުގަނޑު މި ކަނޑައަޅާފައި އޮތް ސްޕީޑްގައި ގެންދިޔުމަށްޓަކައި، ހަފްތާ 14 އަށް ކަނޑައަޅާފައި ހުރި ކަންތައްތައް ހާސިލުކުރުމަށްޓަކައާ އެކީގައި ބާއްވަނީކީއެއް އެއްގަޑިއިރު، ދެ ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމެއް ނޫން. އެވަރަކުން ނުފުދޭ.'' ރައީސް ރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޙައްޤު މިންވަރަކީ އެއެއް ނޫން ކަމަށާއި، މަސައްކަތްތައްކޮށް ތަރައްގީއަށް ވާސިލްވުމަށް ސަރުކާރުގެ ޓީމުން ހިތްވަރާއެކީ ކުރާ މަސައްކަތުން މުޅި ދުވަސް އެއްކޮށް ހޭދަވާކަމަށާއި، ކެބިނެޓުން ކަންތައްތައް ނިންމަން ވެސް މުޅި ދުވަސް ހޭދަވާ ކަމަށެވެ.

''އެހެންވީމާ، އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެ. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ އަޅުގަނޑުމެން ޖައްސައިދޭނަން'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރޭ އިޢުލާނު ކުރެވުނު ތަޞައްވުރު، އެކަން އިޢުލާނުކުރި ސަބަބާއި، ސަރުކާރުން ކުރަނީ ކޮން މަސައްކަތެއްކަން ރައްޔިތުންނަށް އެނގެންޖެހޭކަމަށެވެ. އަދި އެކަން ރާއްޖޭގައި އިންވެސްޓްކުރަން އެދޭ އިންވެސްޓަރުންނަށް ވެސް އިނގެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުންގެންގުޅޭ ހިސާބު އެފަރާތްތަކަށް ފަހުމްވެ، ޚާރިޖީ ފަރާތްތަކަށް ވެސް މި ރާއްޖެއަށް ޙައްޤު މިންވަރަކީ ކޮބައިކަން އެނގެންޖެހޭ ކަމަށެވެ.

''އަޅުގަނޑުމެންނަކީ ދިވެހި ޤައުމުދެކެ ފަޚުރުވެރިވާ ބައެއް. ދިވެހި ރައްޔިތުންނަށް އެންމެ ފައިދާއާއި ލާބަހުރި ކަންކަން އެއީ އަޅުގަނޑުމެން އިސްކުރާނެ ކަންކަން ކަން. އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާހުރި ކަންތައްތައް ފަހިކޮށްދޭ ކަމަށްވާނަމަ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްވާކަމުގެ ޔަޤީންކަމާއި، އެ ހިތްހަމަޖެހުން އަޅުގަނޑުމެންނަށް ލިއްބައިދޭހާ ހިނދަކު، އެ ކޮންމެ ބަޔަކީ އަޅުގަނޑުމެންނާ ގާތް ބަޔަކަށްވާނެކަން. އެފަދަ ކޮންމެ ބަޔަކާ އެކީގައި އަޅުގަނޑުމެން މިތިބީ ފުރިހަމައަށް މަސައްކަތް ކުރަން ތައްޔާރަށްކަން ހުރިހާ ފަރާތްތަކަށް އެބަ އެނގެންޖެހޭ. އެއީ އަޅުގަނޑުމެން މިތިބީ ދިވެހި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަން، ރައްޔިތުން ޒިންމާއެއް ހަވާލުކޮށްފައި.'' ރައީސް ވިދާޅުވެފަވެއެވެ.