މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް މުއިއްޒު ވަނީ ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވާލައްވައިފައެވެ. އަދި މާލޭގައި ފެންބޮޑުވެފައިވާ ހިސާބުތައް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވައިފައެވެ.

Ad
rt

އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ. އެކަމަކު، އެ އިންޒާރުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

ރެއިން ފެށިގެން މާލެއަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސިފައިން ދަނީ ކުރަމުންނެވެ.

ވިއްސާރާގައި ވެރިރަށް މާލެ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން ދިވެހި ފުލުހުން ވަނީ އެދިފައެވެ. ފުލުހުން މިއަދު ބުނީ، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް އެކަމަށަ ސަމާލުވާން އެދޭ ކަމަށެވެ.

މާލެ ސަރަހައްދަށް ކުރާ ގަދަ ވިއްސާރައިގެ ސަބަބުން ބައެއް އިމާރާތްތަކަށް ފެން ވަދެފައިވާއިރު، ބައެއް ރަށްތަކުގެ ބައެއް ގެތަކުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ.