ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވޭނެކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން ވަނީ ދާދިފަހުން އެ ވައިގެބަނދަރުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ދަތުރެއް ކުރައްވާފައެވެ.

Ad
rt

އެއަށްފަހު ދަތުރުގެ ބައެއް ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރައްވަމުން މުބީން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރުގެ މަސައްކަތް މިހާރު ކުރިޔަށް ދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށެވެ.

’’އިރާދަކުރެއްވިއްޔާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ފުރިހަމަކޮށް 2024 ގެ ފަހު ކުއާޓާރުގައި ހުޅުވިގެންދާނެ’’ މުބީން ވިދާޅުވެފަވެއެވެ.

މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.

މި މަޝްރޫޢު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.