ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗުކޮށްދެމުން އަންނަ އުމުރުން 64 އަހަރުގެ ކާލޯ އަންޗެލޮޓީ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

އިންގްލެންޑްގެ އެވަޓަން ދޫކޮށް އަންޗެލޮޓީ ރެއާލްގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރުއެވެ. އެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އައު އެއްބަސްވުމުގެ ދަށުން އޭނާ ރެއާލުގައި އިތުރު ދެ އަހަރު މަޑުކުރާނެއެވެ. ވުމާއިއެކު އޭނާގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

Ad
rt

މި އަހަރުގެ ކުރީކޮޅުން ފެށިގެން އަންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވާން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ފެތުރުނެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑްރޭޝަނުން ވެސް އަންޗެލޮޓީ އަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިހާތަނަށް ވެސް އޭނާ އެކަމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް މީޑިއާގައި ދައްކާފައި ނުވެއެވެ.

އަންޗެލޮޓީ ފުރަތަމަ ރެއާލަށް ކޯޗުކޮށްދިނީ 2013 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށެވެ. އެ މުއްދަތުގައި އޭނާ ވަނީ ރެއާލާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އެއަށްފަހު ދެވަނަ ފަހަރަށް ރެއާލާއި ހަވާލުވެ 2022 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ރެއާލަށް ވަނީ ކާމިޔާބު ކޮށްދީފައެވެ.

އަންޗެލޮޓީ ރެއާލާއިއެކު ޖުމްލަ 10 ތައްޓެއް ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ ލަލީގާ ދެފަހަރު، ކޮޕަ ޑެލް ރޭ ދެފަހަރު، ކްލަބް ވޯލްޑް ކަޕް ދެފަހަރު، ޔޫރަޕިއަން ސްޕަ ކަޕް ދެފަހަރު އަދި ސްޕެނިޝް ސްޕަ ކަޕް އެއްފަހަރުއެވެ.