ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލު ރޯކޮށް އަންދާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިނގުރައިދޫގައި ސައިކަލެއްގައި ރޯކޮށްލި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ސައިކަލް ރޯކޮށްލި މައްސަލައިގައި ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، މިކަމުގައި ބައިވެރިވާ މީހުން ހޯދައި ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
އެ ބަޔާނުގައި ބުނީ އަމިއްލަ ފަރުދަކަށް ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، ފަނޑިޔާރުންނާ މެދު އާންމު ވިސްނުން ހުރި ގޮތާއި ފަނޑިޔާރުން ބަލަަމުންދާ ވަކި މައްސަލައަކާ ގުޅިގެން ނުރައްކަލަކަށް ހުށަހެޅިދާނެ ނިސްބަތަށާއި ގައުމުގެ މަސްލަހަތު އޮތް ގޮތަށް ބަލައި ފަނޑިޔާރުންނަށް ސަލަމާތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް، ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކަންކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!