މަދިރިން ރައްކާތެރިވުމަށް ހިންގާ މުޅި ރާއްޖެ ސާފުކުރުމުގެ ބޮޑު ހަރަކާތް ފަށައިފިއެވެ.

މި ހަރަކާތަކީ، ސިއްހަތާބެހޭ ވުޒާރާ އާއި ސަރުކާރުގެ އެހެން ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

މަދިރިން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ސާފުކުރުމުގެ ކެމްޕެއިނެއްގެ ގޮތުގައި ‘’މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތް’’ ނަމުގައި ފެށި މި ހަރަކާތް ފައްޓަވާ ވަނީ މިއަދު ހެނދު މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ ކައިރީ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ފައްޓަވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

މި ހަރަކާތް މުޅި ރާއްޖޭގައި ވެސް ކުރިއަަށް ދާނެ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

މަދިރިން ރައްކާތެރިވުމަށް ހިންގާ މުޅި ރާއްޖެ ސާފުކުރުމުގެ ބޮޑު ހަރަކާތް ފަށާފައި މިވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން ފައިލޭރިއާ ބަލި ފެނުމުންނެވެ.

މި ބައްޔަކީ ރާއްޖޭން ނައްތާލެވިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) 2016 ވަނަ އަހަރު ކަނޑައަޅާފައިވާ ބައްޔެކެވެ.