ވިލާއިން ބޭރު ބޯޓެއްގެ ހެވީ މެއިންޓަނަންސް ފަށައި، ތާރީޚްގެ ތެރެއަށް

FB_IMG_1577384751706

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކިދާއިރާތަކުން ވިޔަފާރި ކުރަމުން އަންނަ ކާމިޔާބު ވިޔަފާރި ކުންފުނި ވިލާ ގްރޫޕްގެ ދަށުން ހިންގާ، ވިލާ އެއަރއިން ރާއްޖެއިން ބޭރުގެ މަތިންދާ ބޯޓެއްގެ ހެވީ މެއިންޓަނަންސް މަސައްކަތްފެށުމާއެކު، އެޝަރަފް ހޯދި ފުރަމަ ދިވެހި ކުންފުނި ކަމުގައި ވިލާ ގްރޫޕް ވެއްޖެއެވެ.

ވިލާ ތާރީޚްގެ ތެރެއަށްވަނީ މާމިގިލީ އެއާޕޯޓުގައި ވިލާ އެއާއިން ހިންގާ މެއިންޓަނަންސް ރިޕެއާ އެންޑް އޯވަހޯލް ފެސިލިޓީގައި ސްރީލަންކާގެ ޗާޓަރު އެއާލައިނެއް ކަމަށްވާ ފިޓްސް އޭވިއޭޝަންގެ މަތިންދާބޯޓެއް ހެވީ މެއިންޓެނަންސް ކުރުމުގެ މަސައްކަތް ފެށުމާއެކުގައެވެ.

ވިލާ އެއާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާގެ ފިޓްސް އޭވިއޭޝަންގެ އޭޓީއާރު 202-72 ގެ މަތިންދާބޯޓެއް ސްރީލަންކާގެ ރަޓްމަލާނާ އެއާޕޯޓުން ފުރައިގެން ސީދާ މާމިގިލީގައި ހުންނަ ވިލާ އެއާޕޯޓަށް މިއަދު ޖައްސާފައިވާ ކަމަށެވެ.

ވިލާ އެއަރގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެފުރުސަތު ވިލާ އެއާއަށް ލިބުނީ ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ ގައުމުގައި ރަޖިސްޓްރީކޮށްގެން އުދުހޭ މި މަރުކާގެ މަތިންދާބޯޓުތަކުގެ ހެވީ މެއިންޓެނަންސް ކުރުމުގެ ހުއްދަ އެ ފަރާތުން އައިސް އިންސްޕެކްޓް ކުރެއްވުމަށްފަހު ވިލާ ކުންފުނީގެ މެއިންޓެނަންސް ރިޕެއާ އެންޑް އޯވާހޯލް ފެސިލިޓީއަށް ދިނުމުންކަމަށެވެ.

ވިލާ އެއާއިން ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއަކުން ވިލާ އެއަރއަށް އެފުރުޞަތު ތަނަވަސްކޮށްދިން ކަމަށްޓަކައި ކޮށްދެއްވި މަސައްކަތް ތަކަށްޓަކައި، ޝުކުރު އަދާކޮށްފަ އެވެ.

ވިލާ އެއާއިން ބުނީ އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ވިލާ އެއާގެ މެއިންޓަނަންސް ރިޕެއާ އެންޑް އޯވާހޯލް ފެސިލިޓީއަކީ މި ސަރަހައްދުގައި އުދުހޭ މިފަދަ މަތިންދާބޯޓުތަކަށް މެއިންޓަނަންސްގެ ހިދުމަތް ދޭ ތަނަކަށް ހަދައި ދިވެހި އިންޖިނިއަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ.

މިއީ ރާއްޖޭން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ މަތިންދާބޯޓެއްގެ ހެވީ މެއިންޓަނަންސް ކުރުމުގެ ފުރުސަތު ރާއްޖޭގެ ފަރާތަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގެ ފެސިލިޓީއަކަށް ބޭރު ގައުމަކުން އެ ގައުމެއްގައި ދުއްވާ މަތިންދާބޯތަކުގެ ހެވީ މެއިންޓެނަންސް ކުރުމުގެ ހުއްދަ ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *