އުޑުމަތި ސާފު މޫސުން ރީތި ދުވަހެކެވެ. ހދ. ނޮޅިވަރަންފަރު ވައިޖެހޭގެ އަބުދުލް ކަރީމު އަބުދުއްރަޙްމާން އެވަގުތު މަޑުކޮށްލައިގެން ހުރީ ގޮނޑު ދޮށާ މާދުރުނޫން ހިސާބެއްގައެވެ.
ޑިސެމްބަރ 26، 2004 ދުވަހު ހެނދުނު 9:23 ކަންހާއިރު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީގެ ކާރިޘާގައި، ހދ. ނޮޅިވަރަންފަރަށް ސުނާމީގެ ރާޅު ފޯރި ވަގުތާއި، އެދުވަހުގެ ހަނދާންތަކުން ކަރީމު ކިޔައިދިން ވާހަކަތަކުން މުހިންމުބައިތައް ލިޔެލާނަމެވެ.
ހީކުރީ ދުނިޔެ ނިމެނީ ކަމަށް
ކަރީމު މަޑުކޮށްލައިގެން ހުރިތަނަށް ދުވެފައި އައީ ކުޑަކުއްޖެކެވެ. އެކުއްޖާ ހުރީ ވަރަށް ހާސްވެ ބިރުގަނެފައެވެ. އެކުއްޖާ ބުނީ ބޮޑު ރާޅެއް އަރަނީ ކަމަށެވެ. ކަރީމު އެކުއްޖާއަށް ޖަވާބު ދިނީ އެވާނީ ރަށުކައިރީ އޮތް ޑައިވިންގ ދޯނި ރަށުކައިރިން ދިޔައީމަ އަންނަ ރާޅެއްކަމަށެވެ. އެކުއްޖާ ދުވެފައި ދިޔައީ އެއްގަމަށެވެ.
ކަރީމު އެހެން ހުއްޓާ އިވުނީ ބާރު އަޑުފަށް ގަނޑެކެވެ. އެއްލުނު ކަޅިން ކަރީމު ގައިން ދިޔައީ ހީބި ނަގައިގެނެނެވެ. އޭރު ތިންފޫޓުގެ ރާޅެއް ރަށުތެރެއަށް އަރަނީއެވެ. އޭރު ރާޅުވަނީ ރަށުގެ ގޮނޑުދޮށުގައި އޮންނަ ރުއްގަނޑާ ހަމައަށް ފޯރާފައެވެ.
ސުނާމީއެއްގެ ވާހަކަ ނުވަތަ ބޮޑު ރާޅެއްގެ ވާހަކަވެސް ކުރިން އަހައި، ތަޖުރިބާ ކޮށްފައި ނެތީތީ، ކަރީމު ހީކުރީ ދުނިޔެ ނިމެނީ ކަމަށެވެ. ކަރީމަށް ޤަބޫލު ކުރެވުނީ ޤިޔާމަތްވެ، ދުނިޔެ ފުނޑުފުނޑުވެގެން އަންނަނީ ކަމަށެވެ. މަންޒަރު ފެނި މީހާ ހުރިތަނަށް ގަނޑުވީއެވެ.
އަނބިދަރިންނާއި ޢާއިލާމަތިން ހަނދާންވުން
ފުރަތަމަ އެރި ރާޅުގެ ލޮނުގަނޑު ކަރީމުގެ ފައިގައި ޖެހުމުން މީހާވެފައި ހުރި ގަނޑު ފިލައި އަނބި ދަރީންނާއި، ޢާއިލާ މަތިން ހަނދާންވިއެވެ.
ކަރީމު ދުވެވޭތޯ މަސައްކަތްފެށީ އެހިސާބުންނެވެ. ނަމަވެސް ރަށުތެރެއަށް ލޮނުގަނޑު ފެތުރެމުން ދިއުމުން ކަރީމަށް ދުވެވޭ ގޮތެއް ނުވިއެވެ. ހާސްވެ ރޮމުން ކަރީމު މަސައްކަތްފެށީ އަނބިދަރިންނާއި، މައިން ބަފައިންކައިރިއަށް ދިއުމަށެވެ. ގެދޮރާ ހަމައަށް ފޯރާތޯއެވެ.
ލޮނުގަނޑު ތެެރޭ ކަރީމު ދުރު ދުރުގައި ފިޔަވަޅު އަޅަމުން ދިޔައިރު ރަށުތެރޭން އިވެމުން ދިޔައީ ރުއިމާއި ހަޅޭކުގެ އަޑެވެ. ހެޔޮ ތަކެތި ކިޔާ އަޑާއި، ސަލާމަތަށް އެދޭ އަޑެވެ.
ދެރާޅެއްއެރި، ހޭދަވީ ދެ މިނެޓު
ކަރީމު ހަނދާންވާގޮތުން އެރީ ދެ ރާޅެކެވެ. ފުރަތަމަ އެރީ ބިޔަ ރާޅެވެ. ދެން އެރީ ކުޑަ ރާޅެކެވެ. ބިޔަ ރާޅުން ރަށުތެރެއަށް ފެތުރުނު ލޮނުގަނޑު ދަމައި ގަތުމާއި ހަމައަށް ހޭދަވީ 2 މިނެޓުކަމަށް ކަރީމު ކިޔާދިނެވެ.
ލޮނުގަނޑާއެކު، މަގުތަކުގައި ފަސްވަރަކަށް ފޫޓުގެ ފުންމިނުގެ އަޑި ވަޅު ގަނޑުތަކެއް އުފެދުނެވެ.
މަދުގެޔަކަށް މެނުވީ ލޮނުގެ އަސަރުކޮށް، ހިފާގެންގުޅޭ ތަކެތި ހަލާކުވި
ރަށަށް އެރި ރާޅުގެ އަސަރު ރަށުގެ ވަރަށް މަދު ގެޔަކަށް ނޫނީ ކުރިއެވެ. ގޭގައި ދިރިއުޅެވޭ ވަރު ވިޔަސް އަށެއްކަ ނުވަތަ ދިހަވަރަކަށް ގެޔަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
ރާޅުގެ އަސަރުކުރި ގެތަކުގެ ހިފާގެންގުޅޭ ތަކެތިން ގިނަ އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއެވެ. އަންނައުނާއި، ތަކެތި ހަލާކުވެ މަގުތަކުމަތީ އޮޔާދާދަމުން ދިޔައެވެ. ގެތަކާއި، މަގުތަކަށް ކުނި ޖަމާވެ، މުޅި ރަށުތެރޭގެ ސިފަ އޮތީ ގެއްލިފައެވެ.
މާތް ﷲ ގެ ގަދަ ކީރިތިވަންތަކަމުން އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް ހާސްކަމުގެ ތެރޭގައި ލޮނުގަނޑުތެރޭ ދުވުމުގެ ސަބަބުން ބައެއްމީހުންގެ ތަންތަންމެށި ކުދި އަނިޔާލިބުނެވެ.
ހިފެހެއްޓުމެއްނެތް ޝުކުރު ހަނިމާދޫ ރައްޔިތުންނަށް
ސުނާމީގެ ރާޅުރަށަށް އަރައި، މުޅިރަށް މޮޅިވެެރިކަމަށް ގަންބާލާފައި ވަނިކޮށް ފުރަތަމަވެސް އެހީތެރިކަމުގެ އަތް ދިއްކޮށްލީ އަވަށްޓެރި ހަނިމާދޫގެ ރައްޔިތުންނެވެ.
ކާބޯތަކެއްޗާއި، އަންނަ އުނައުނު ހިފައިގެން ހަނިމާދޫގެ ރައްޔިތުން ނޮޅިވަރަންފަރަށް އައިސް ރަހުމުގެ އަތްދިއްކޮށް، ދިން އޯގާތެރި އެހީތެރިކަމާއި، ހިތާމައިގެ ވަގުތު ދިން ހިތްވަރަކީ، ކަރީމު ނޫނަސް މުޅި ނޮޅިވަފަންފަރުގެ ރައްޔިތުން ހިތުން ފިލާނޭ ކަމެއް ނޫން ކަމަށް ކަރީމު ކިޔައިދިނެވެ.
ބޯހިޔާވަހި ކަމަކަށް ބޭނުންނަމަ އެފަދަ ޢާއިލާތަކަށް ގޮތް ފެންނަންދެން ހަނިމާދޫއަށް އައުމަށްވެސް ދައުވަތު ދިންކަމަށް ކަރީމު ކިޔައިދިނެވެ.
ޖެހިގެން އައި ދުވަހު ހަނިމާދޫ ރައްޔިތުން ނޮޅިވަރަންފަރަށް އައިސް ރަށުގެ ގެތަކާއި، ގޯތި ތަކާއި އަދި މަގުތަކުން ކުނި ނަގައި ރަށުތެރެ ސާފުކުރުމުގައި ނޮޅިވަފަންފަރު ރަށްޔިތުންނާއެކު ކުރި މަސައްކަތަކީ އެއްބައި ވަންތަކަމުގެ ނަމޫނާއެއް ކަމަށް ކަރީމު ސިފަކުރެއެވެ.
ނިންމާލުން
ޑިސެމްބަރ 26، 2004 ދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ކާރިޘާގައި ހދ. އަތޮޅުން ސުނާމީގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ރަށަކީ ނޮޅިވަރަންފަރެވެ.
އެދުވަހަކީ މިކާރިޘާގައި މިގައުމުން، އެކި އުމުރު ފުރައިގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީން ހިމެނޭގޮތަށް 82 މީހަކު ނިޔާވިދުވަހެވެ. ވީނުވީއެއް ނޭނގި 26 މީހަކު ގެއްލުނެވެ. ޖުމުލަ 108 މީހުން ނެތިގެން ދިޔައެވެ. ބައެއް ރަށްރަށުގެ މުޅި ރައްވެހިކަން އެކުގައި ފޮހެވިގެން ދިޔައެވެ. ގާތްގަނޑަކަށް 15،000 މީހުންގެ ގެދޮރު ގެއްލިގެން ދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ އަސަރު، ރާއްޖޭގެ އާބާދީގެ 65 އިންސައްތައަށް ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!