ރައީސް ޑރ. މުހައްމަދު މުޢިއްޒު، ދެކިވަޑައިގަންނަވަން ބޭނުންފުޅުވަނީ މާޒީން ދިވެހިން ދެކެފައިވި އެކުވެރިކަމުގެ ދުވަސްތައްކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ވެރިރަށް މާލޭގެ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމަކީ، ވަރަށް މުހިންމު ސަބަބެއް އެކަމުގައި ހިމެނިފައިވާ ކަމެކެވެ. އަދި އެއީ، ތަފާތު އެކި ގޮތްގޮތުން ދިވެހީންނަށް ލިބިފައިވާ އެއްގޮތްވަންތަކަންކަމަށް ވިދާޅުވިއެވެ.
ރައީސްގެ މި ވިދާޅުވުން ވަރަށް ތަފްސީލްކޮށް ރޭގެ ވާހަކަފުޅުގައި ގެންނަވާފައިވާއިރު، ދުނިޔޭގައި ބޮޑެތި ލޭ އޮހޮރުވުންތައް ހިނގައިފައިވާ ސަބަބުތަކަށް ބަލާއިރު، ތަފާތު ބަސްބަހުން ވާހަކަދައްކާ، ތަފާތު ދަރިކޮޅުތަކުގެ މީހުން އެއްތަނެއްގައި އުޅެންޖެހުން ހިމެނޭކަމަށާއި، ނަމަވެސް ދިވެހީންނަށް ބަލާއިރު
މި ތަފާތެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީން ވާހަކަދައްކަނީ އެއް ބަހަކުން، ލިޔަނީ އެއް އަކުރަކުންކަން ފާހަގަކުރައްވައި ބަހުގެ މައްޗަށް ބޮޑާވެ ދެބަސްވެގަތުމެއް ދިވެހީންގެ ކިބަޔަކު އެއްވެސްއިރަކު ނެތްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަފާތު އެކި ނަސްލުތަކަށް ބެހިފައި އޮތުމަކީ ވެސް ޤައުމުތަކުގައި ބޮޑެތި ހަމަނުޖެހުން އުފެދޭ ކަމެއްކަމަށާއި، ދިވެހިރާއްޖެއަށް ބަލާއިރު ނަސްލީ ތަފާތުވުމެއްވެސް އެއްވެސް ޒަމާނަކު މި ރާއްޖެއަކު ނެތް ކަމަށެވެ. އަދި ދިވެހީންގެ ނަސްލަކީ ދިވެހިބަހުން ވާހަކަދައްކާ ދިވެހީންގެ ނަސްލު ކަމަށާއި، އެހެންކަމުން ނަސްލުގެ ގޮތުންވެސް ދިވެހީން މި ވަނީ އެއްގޮތްވަންތަ ބަޔަކަށް ކަމަށެވެ.
ސަގާފީ ގޮތުންވެސް ދިވެހީންގެ ކިބައިން ފެންނަން އޮތީ އެއްގޮތްވަންތަ، އެއްބައެއްކަން ކަމަށާއި، ދީނީގޮތުން ވެސް، ދިވެހީންނަށް ލިބިފައި މި އޮތީ އާދަޔާ ޚިލާފު ބޮޑު އެއްގޮތްވަންތަކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިފަޔަށް ބަލައިލިޔަސް، ފެންނަނީ، އެއްގޮތްވަންތަކަން ކަމަށް ވިދާޅުވިއެވެ.
''މިފަދަ ޙަޤީޤަތްތައް އަޅުގަނޑުމެން ދިވެހީންގެ ޙަޔާތާ ގުޅިފައިވަނިކޮށް މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ ކިހާ ހިސާބަކަށްތޯ؟ އަޅުގަނޑު ހިތުން ވިސްނާލަން ރަނގަޅު. ޝައްކެއްނެތް، މިއަދު އަޅުގަނޑުމެންގެ ޢާއިލީ ގުޅުންތަކަށް ފަރުވާ އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީ އެބަ ބޭނުންވޭ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހީން އެކަކު އަނެކަކުގެ އަބުރަށް، ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް، މަގުދައްކައިދޭން އެބަޖެހޭ ކަމަށާއި، ދިވެހިންގެ ހިތްތަކަށް ރަޙުމާއި، ކުލުނާއި، އޯގާވެރިކަމުގެ މޫސުމެއް އަންނަން ޖެހިފައިވާ ކަމަށެވެ.
''އަޅުގަނޑު ދެކެން ބޭނުންވަނީ އެ ދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި، އެކުވެރިކަމުގެ ދުވަސް. ގުޅުންތެރިކަމުގެ ދުވަސް. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް އަޅުގަނޑުމެންނަށް ދޭ ފިލާވަޅަކީ އެއީ. އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު.'' ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިގޮތުގައި، ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތަޢުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހާ ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ޤައުމީ ރޫޙުގައި ހަރަކާތްތެރިވެގެންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!