ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފައި، އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅުކަމަށް ފިލާވަޅު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅަކީ، ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅު ކަމަށެވެ.

މި ދުވަހު ލިބިގަންނަންވީ އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅާއި، އެކި ނަންނަމުގައި، އެކި ކަންކަމުގައި، ބައިބައިވެ އިސްލާމީ އަޚްވަންތަކަމުގެ ކިއްލާ ފުނޑުފުނޑުކޮށްނުލުމުގެ ފިލާވަޅު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އަޅުގަނޑުމެންނަށް މާތް ﷲ ދެއްވައިފައިވާ ނިޢުމަތްތައް ހަނދާންކުރުން މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، އެއްބައިވަންތަ ވެވޭނެ ހުރިހާ ސިފަތަކެއް، އޯގާވަންތަ ﷲ އަޅުގަނޑުމެން ދިވެހީންނަށް ވަދީޢަތްކުރައްވާފައިވެއެވެ.

''އެއްދީނަކުން ހިދާޔަތް ލިބިފައިވުމުގެ ނަސީބު. އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު. އެއް އަކުރަކުން ލިޔެކިޔެ އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއް ސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން.'' ރައީސް ވިދާޅުވިއެވެ.

ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަމަށާއި،މީ އެއް ޤައުމެއް އެއް ބައެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

''އެހެނީ، ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން. އެކުވެރިވުމުން އަމާންކަން ލިބިދޭ. އިތުބާރު ލިބިދޭ. އޭގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ ގުޅުންތައްވެސް ހަރުދަނާވެ، އުންމަތްތައް ކުރިއަރައިގެންދޭ. މިއަދު ދިވެހިރައްޔިތުން އެދެނީ އެކުވެރިކަމާއި ތަރައްޤީއަށް. އަވަސް ކުރިއެރުންތަކަށް.'' ރައީސް ވިދާޅުވެފަވެއެވެ.