އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ނިންމައިވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ ބުދަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ.

Ad
rt

މިގޮތުން އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާއިބެހޭ މަރުކަޒު ހިންގަމުންދިޔަ އިމާރާތުގައި ހުޅުވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް ވެސް ނިންމެވިއެވެ.

މީގެ އިތުރުން ސިއްހަތާބެހޭ ވުޒާރާއާއި، ކުޅިވަރާ ބެހޭ ވުޒާރާއާއި، ޒުވާނުންނާބެހޭ ވުޒާރާގެ އަދި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތްތައް ދިނުމުގެ މަސައްކަތް ފެށުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ޤާއިމުކުރައްވަނީ މުޖުތަމަޢުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާޢީ ކަންކަމުގައި އިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ.

މީގެ އިތުރުން އެ މީހުންގެ ނަފްސާނީ، އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަކީ ވެސް މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ ބޭނުމެކެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު، އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއެއް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ އަމާޒު ''ހަފުތާ 14''ގައި ހިމަނާފައިވާ ކަމެއްވެސް މެއެވެ.