ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި " ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2023" ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހު ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއިން ކުރި ހޯދީ 22 ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ އިސްމާއިލް އައިޝް އެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ހަސަން ގައިޝް މުހައްމަދު – އެންވީކޭ
  • އާދަމް މާހިލް – 22 ސްޕޯޓްސް ކްލަބް
  • މުހައްމަދު ރިޝާން – 22 ސްޕޯޓްސް ކްލަބް
  • އަލީ ނާއިޝް އަހްމަދު ވަހީދު – އެންވީކޭ
  • އިސްމާއިލް އައިޝް – 22 ސްޕޯޓްސް ކްލަބް

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ ކޯޗް ހުޝާމް ހަސަންއެވެ. އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ހަސަން ގައިޝް މުހައްމަދެވެ. އެންމެ މޮޅު ކީޕަރަށް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ އިސްމާއިލް އައިޝްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ މުހައްމަދު ރިޝާން އެވެ. އޭނާ ވަނީ މުބާރާތުގައި 10 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރުޔާއަށް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ އާދަމް މާހިލްއެވެ.

21 އަހަރުން ދަށަށް ހާއްސަ ކޮށްގެން ހޯރަފުށީގައި މި މަހު 21 އިން 23 ގެ ނިޔަލަށް ބޭއްވި މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެފްސީ އުލިގަން ޔޫތު (އުލިގަން)، އެންވީކޭ (އިހަވަންދޫ)، ކްލަބް ޑޯލްފިން، 22 ސްޕޯޓްސް ކްލަބްގެ އިތުރުން އާރުވީ ސްޕޯޓްސް އެކަޑަމީއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މިއީ ހަހެތި ޖަމިއްޔާއިން މި މުބާރާތް ބޭއްވި ހަތަރުވަނަ ފަހަރެވެ.