ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ފުރަތަމަ ޕްރޮޕޯޒަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މާލޭގައި ހުންނަ ހޮޓެލް ޖެންގައި ރޭ ބޭއްވި، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ "އެމްއެންއޭސީއައި ބިލްޑަ އެވޯޑްސް 2023" ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އެސްއީޒެޑްގެ ޤާނޫނުގެ ދަށުން، އެސްއީޒެޑް އިންވެސްޓްމަންޓްތަކަށް މިހާރު ފުރުޞަތު ހުޅުވައިލާފައިވާކަން ފާހަގަކުރައްވައި، އެ ފުރުސަތުގެ ދަށުން ފުރަތަމަ ޕްރޮޕޯޒަލް މިހާރު ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޕްރޮޕޯޒަލްއަކީ ވެސް ރިނިއުބަލް އެނާޖީގެ ދާއިރާއިން 110 މެގަވޮޓް ހާސިލުވެގެންދާ އެސްއީޒެޑް ޕްރޮޕޯޒަލެއް ކަމަށް ވިދާޅުވިއެވެ.
''އެ ޕްރޮޕޯޒަލް އަޅުގަނޑުމެންނަށް ލިބިފައިވާކަން އުފަލާއެކީގައި އަޅުގަނޑު އިޢުލާނު ކުރަން، މިއީ، ކޮޕް-28 އަށްފަހު އަޅުގަނޑު ހިތުން، އަޅުގަނޑުގެ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، އެއްވެސް ޤައުމަކުން ފުރަތަމަ އެ މަގުސަދު ހާސިލުކުރުމަށްޓަކައި ފަށާ މަސައްކަތް، އިންވެސްޓްމަންޓް. މިކަމަކީވެސް މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެކިއެކި ދައުރުތައް އަދާކުރަންޖެހޭ މަސައްކަތެއް.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރިނިއުބަލް އެނާޖީގެ ދާއިރާގައި ދެމެހެއްޓެނިވި އެނާޖީ، ދެމެހެއްޓެނިވި ތަރައްޤީ ރާއްޖެއަށް ހާސިލުކުރުމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ މުހިންމު ދައުރެއް އަދާކުރަން ޖެހިފައިވާ ކަމަށެވެ.
''ބޭރު ފަރާތްތަކުން އައިސް ހުރިހާ ކަމެއް އަތްމައްޗަށް ނަގައި، އެ ކަންކަން ހާސިލުކުރަން ދޫކޮށްލީމާ، އެއެއް ނޫން އަޅުގަނޑުމެންގެ ޤައުމިއްޔަތު އަޅުގަނޑުމެން ސަލާމަތްކުރުމަކީ، ޔަޤީންކުރުމަކީ. އެހެންވީމާ، އެކަމުގައި ބައިވެރިވެ އަދި އިތުރު އިންވެސްޓްމަންޓްތައްވެސް ގެނައުމުގައި ތިޔަބޭފުޅުންގެ ކުންފުނިތަކުންވެސް މަސައްކަތް ކުރަންޖެހޭ. ރާއްޖެއަށް އެސް.އީ.ޒެޑް. ގެ ފުރުޞަތު އެއޮތީ އަޅުގަނޑުމެން ތަންމިނަށް ހުޅުވައިލާފައި. އެހެންވީމާ، އަޅުގަނޑު އެދެނީ ވަރުގަދަ މަސައްކަތްތަކެއް ކުރަން'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!