ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މި ޑިސެމްބަރު 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއާގައި ޓެސްޓްކުރި 13 ބިދޭސީންކުރެ އެކަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

Ad
rt

އަނެއް 12 ބިދޭސީން ނެގެޓިވްވެފައިވާއިރު، ޕޮޒިޓިވްވި މީހާއަށް ބޭސް ދީފައިވާ ކަމަށް އެތަނުން ބުންޏެވެ.

ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވިއިރު، ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ހާމަކުރީ 14 ޑިސެމްބަރު 2023 ގައެވެ.

އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން އިތުރު 2 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވިކަން 18 ޑިސެމްބަރު 2023 ގައި އެނގުނެވެ.

އެކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި އެރަށުގައި ސްކްރީން ކުރިއަށް ގެންދާއިރު، މިމަހުގެ 1 އިން 19 އަށް ކުރިއަށް ގެންދިޔަ ސްކްރީނިން އިން ޖުމްލަ 25 ބިދޭސީން ވަނީ ޕޮޒިޓިވްވެފައިކަމަށް އެޗްޕީއޭއިން މިއަދު ބުންޏެވެ.

ކުޅުދުއްފުށިން ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު 25 އަށް

އެހެންކަމުން ހުޅުމާލެއިން ޕޮޒިޓިވި މީހާއާއެކު ޖުމްލަ 26 ބިދޭސީން ރާއްޖޭގައި މިހާތަނަށް ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ.

ދިވެއްސެއްގެ ގައިން އަދި މި ބަލި ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިލޭރިއާ ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީގައި ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ކުރިއަށް

ކުޅުދުއްފުށީ ސިޓީގަައި އުޅޭ ބިދޭސީންތަކެއް ފައިލޭރިއާ އަށް ޕޮޒިޓިވްވުމާއެކު އެ ސިޓީގައި ވަނީ އެކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ފަށާފައެވެ. މި ގޮތުން އެ ސިޓީގައި ކުރިއަށް ގެންދިޔަ ސްކްރީންގެ ތެރެއިން މިހާތަނަށް 439 ބިދޭސީއަކު ވަނީ ޓެސްޓްކޮށްފައެވެ. އޭގެ ތެރެއިން 414 ބިދޭސީންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.

ފައިލޭރިއާ އަކީ އާންމުގޮތެއްގައި ''ކިއުލެކްސް'' ކިޔާ ބާވަތެއްގެ މަދިރީގެ ޒަރީރާއިން ޖެހޭ ބައްޔެކެވެ. މި މަދިރި އުފެދި އާލާ ވަނީ އާންމުގޮތެއްގައި ހަޑިވެ ތަޣައްޔަރުވެފައި ހުންނަ ފެނުގައެވެ.

ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތް ނުފެނި ހުރުމުގެ ފުރުސަތު އޮންނައިރު، ދިގު މުއްދަތަށްފަހު ހަށިގަނޑުގެ އެކިތަންތަން ދުޅަވެ، ހަން ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.