ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިބަހުން ލިޔެ ޝާއިއުކުރާ ބައެއް ވެބްސައިޓުތަކާއި ނޫސްތައް މި ސަރުކާރުން އަންނަނީ ބުލޮކު ކުރަމުންނެވެ. އަދި އެކަން އެމްޑީޕީއިން ހަރު އަޑުން ކުށްވެރިކުރާކަމަށް އެ ޕާޓީން ބުނެފަވެއެވެ.
މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ޤާނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައި އަސާސީ ހައްގެއްކަމަށާއި، ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީއިން އަބަދުމެ ވަކާލާތުކުރާ މަގެއްކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފަވެއެވެ.
''އެއީ ދިވެހި އެތަކެއް ރައްޔިތުންނާއި މި ޕާޓީ ގުރުބާންވެގެން ހޯދި ހައްގުތަކެވެ. ތިމާގެ ބުއްދިއަށް ފެންނަ ވިސްނުންތައް ބަޔާންކުރުމުގެ ފުރުސަތު ނެތް މުޖުތަމައަކީ ދިމަގްރާތީ މުޖުތަމައެއް ކަމަށް މި ޕާޓީއަށް އެއްބަސްނުވެވޭތީއެވެ.'' އެމްޑީޕީން ބުނެފަވެއެވެ.
އެ ޕާޓީން ބުނީ އެ ޕާޓީގެ ކުރީގެ ދެ ވެރިކަމުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ވަކީން ހާއްސަކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދެވުނު ކަމަށެވެ. އަދި ސަރުކާރާއި ދެކޮޅަށް ރޭވިގެން, އިންތިޒާމުވެވިގެން ދޮގު ހަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެކަމަށާއި، މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ހުދުމުހުތާރު ދައުލަތެއްގެ ސިފައެއް ކަމަށެވެ.
''ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހެއެވެ. ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން، މި ސަރުކާރުގެ އަމަލުތައްވެސް މި ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަނެވެ. ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަނެވެ.'' އެމްޑީޕީން ބުނެފަވެއެވެ.
މިކަމާއިގުޅޭގޮތުން ސަރުކާރުން ބުނެފައި ވަނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެކަމަށެވެ. އަދި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅު އަޅާފައިނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!