ދެ ވެބްސައިޓެއް ބްލޮކްކޮށްލުމަކީ އިންޓަނެޓް ސެންސަޝިޕްގެ ޢަމަލެއްކަމަށާއި، އެކަމާއި ކަންބޮޑުވާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ސަރުކާރުން ބްލޮކްކޮށްލިކަމަށް ފާހަގަކޮށްފައިވާ ދެ ވެބްސައިޓަކީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ.

Ad
rt

މިކަމާއިގުޅިގެން ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ އެ ޕާޓީން އެކަމާއި އިންތިހާއަށް ކަންބޮޑުވެއެވެ. އަދި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމެއް ކަމަށް ބުނެފަވެއެވެ.

މީގެ އިތުރުން އެއީ އިންޓަނެޓް ސެންސަޝިޕްގެ ޢަމަލެއްކަމަށް އެ ޕާޓީން ދެކޭކަމަށް ވެސް ބުނެފަވެއެވެ.

''ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރެވެ. އެހެންކަމުން މި ބާރު ނުވަތަ މި ހައްގު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް މި ޕާރޓީން އިލްތިމާސްކުރަމެވެ.'' އެ ބަޔާނުގައި ބުނެފަވެއެވެ.

މިކަމާއިގުޅޭގޮތުން ސަރުކާރުން ބުނެފައި ވަނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެކަމަށެވެ. އަދި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅު އަޅާފައިނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓަރީކޮށްގެން ހިންގާ ނޫސްތަކެއްނޫނެވެ. ނަމަވެސް ލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ޤާނޫނުގައި މަޖައްލާތަކުގެ ވެބްސައިޓްތަކަކީ ވެސް ''މީޑިއާ'' ކަމަށް ބުނެފަވެއެވެ.