ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅު އަޅާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ.

އިސް ތަރުޖަމާނު މިހެން ވިދާޅުވީ، ވެބްސައިޓްތަކެއް ބްލޮކްކުރި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ނެރުނު ބަޔާނަކާއި ގުޅުވައެވެ.

Ad
rt

އިސް ތަރުޖަމާނު ޝަހީބު ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

''އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން.'' ޝަހީބު ވިދާޅުވެފަވެއެވެ.

ޝަހީބު މިހެން ވިދާޅުވުމުން އެކަމަށް ރައްދުދީ އެމްޖޭއޭއިން ބުނީ، ''ފުރަތަމަ.ކޮމް'' ބްލޮކް ކުރި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގު ކުރި ނަމަވެސް އެ ޖަމްއިއްޔާއިން ބަޔާން ނެރުމުގެ ކުރިން އެ ޖަމްއިއްޔާ އެފްލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުންގެ އެހީތެރިކަމާ އެކު ލިބެން ހުރި ހެކިތަކުގެ މައްޗަށް ލަފާ ހޯދާފައިވާ ކަމަށެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ނުހުއްޓުވާނަން: ސަރުކާރު

''އެ ބޭފުޅުން މި ޖަމްއިއްޔާއަށް މައުލޫމާތު ދެއްވީ ފުރަތަމަ.ކޮމް ބްލޮކް ކޮށްފައި ވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް. އަދި ސައިޓުގެ ވެރިފަރާތުން ވެސް އެގޮތަށް މި ޖަމްއިއްޔާއަށް ޝަކުވާ ހުށަހަޅާފައިވޭ.'' އެމްޖޭއޭއިން ބުނެފަވެއެވެ.

އެ ޖަމްއިއްޔާއިން ބަޔާނެއް ނެރުމުގެ ކުރިން އެކަމާ މެދު ފުޅާދާއިރާއެއްގައި ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހުސްކޮށް އެ ޖަމްއިއްޔާއިން އެފްލިއޭޓްވެފައިވާ ބައިނަލްއަގުވާމީ ނޫސްވެރިންނާ ގުޅުން ހުރި ޖަމްއިއްޔާތަކާ މަޝްވަރާކޮށް ހިޔާލު އަބަދުވެސް ހޯދާކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން އިން ބުނީ އެ ޖަމްއިއްޔާއިން ކަންކަން އަބަދުވެސް ކުރާނީ ޒިންމާދާރު ކަމާއި އެކު ނޫސްވެރިކަމުގެ ހައްގު ހިފަހައްޓައި ނެގެހެއްޓޭނޭ ގޮތެއްގެ މަތިން ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ޖަމްއިއްޔާއިން ފަހަތަށް ނުޖެހި ދެމި ތިބޭނެކަމަށެވެ.