ޤާނޫނީ އިމުގެ ތެރެއިން ރާއްޖޭގައި ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ނުހުއްޓުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ''އެކްސް''ގައި މިއަދު ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ އެވެ.

Ad
rt

''ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.'' ޝަހީބު ވިދާޅުވެފަވެއެވެ.

ޝަހީބު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކްކުރުމާއިގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ބްލޮކްކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. މި ދެ ވެބްސައިޓަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވެބްސައިޓްތަކެއް ނޫނެވެ.

މި ދެ ވެބްސައިޓުން އައީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެކި ހަބަރުތަކާއި ރިޕޯޓުތައް ގެންނަމުންނެވެ.

މި ދެ ނޫސް ނޫނަސް ރާއްޖޭގައި ރަޖިސްޓަރީ ނުކޮށް ބައެއް ނޫސްތައް ހިންގައެވެ. މިގޮތުން މިދިޔަ ސަރުކާރު ދުވަސްވަރު ''ފާޅު'' ކިޔާ ނޫހެއް ވެސް ރަޖިސްޓަރީނުކޮށް ވަރަށް ގިނަ ދުވަހު ސަރުކާރަށް ފާޑުކިޔާ ޚަބަރުތައް ގެނަންމުން ހިންގިއެވެ. ފަހުން އެ ނޫސް ވަނީ ހުއްޓާލާފައެވެ.