ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތަކެއް ބްލޮކް ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރަށް ފާޑުކިޔާ ތިން ވެބްސައިޓަކަށް ނުވަދެވޭގޮތް މިހާތަނަށް ވަނީ ހަދާފައެވެ. އެތަނުން ދެ ނޫހަކީ ރަޖިސްޓަރީ ނުކޮށް ހިންގާ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އަނެއް ނޫހަކީ ރަޖިސްޓަރީކޮށްގެން ހިންގާ ވެބްސައިޓެއްކަމަށްވާ ފުރަތަމަ.ކޮމް އެވެ.
މި ވެބްސައިޓްތައް ބްލޮކްކުރުމުން އެމްއެމްސީން ބުނީ ރަޖިސްޓާ ނުކޮށް ހިންގާ ނޫސް، މަޖައްލާތަކުގެ ވެބްސައިޓްތަކަކީ ވެސް ''މީޑިއާ'' ކަމަށް އެ ކައުންސިލްގެ ޤާނޫނުގެ 36 ވަނަ މާއްދާގައި ބުނާކަމަށެވެ.
ބްލޮކްކޮށްފައިވާ ނޫސްތަކާގުޅޭ ކޮންޓެންޓްގެ އެއްވެސް މައްސަލައެއް މިހާތަނަށް އެ ކައުންސިލަށް ހުށަހަޅާފައިނުވާކަމަށާއި، އެއްވެސް އުސޫލެއްނެތި ވެބްސައިޓްތައް ބްލޮކްކުރުމުން ކަންބޮޑުވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
''މިއީ ނޫސްވެރިކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް'' އެމްއެމްސީން ބުނެފަވެއެވެ.
މިކަމާއި ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް ބްލޮކް ކުރުމަކީ މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ކޮށްފައިވާ ކަމެއްކަމަށެވެ. އަދި ސަރުކާރުން އެ ފިޔަވަޅު އަޅާފައި ވަނީ އެކަން ކުރުމުގެ އުސޫލެއް އާންމު ނުކޮށް ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފަވެއެވެ.
މީގެ އިތުރުން ހަރުދަނާ ދެ ފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަރު ކުރުމަކީ އެއްވެސް ހާލެއްގައި އެ ޖަމިއްޔާ އިން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، ސަރުކާރުން އެއްވެސް އުސޫލެއް ނެތި އަޅަމުންދާ މި ފިޔަވަޅު ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޖޭއޭ އިން ވަނީ ގޮވައިލާފައެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ނުހުއްޓުވާނަން: ސަރުކާރު
މިކަމާއިގުޅިގެން އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ދުލާއި ގަލަމުން ހިޔާލު ފާޅު ކުރުމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަަމަށެވެ.
ތަހުޒީބު މުޖުތަމައުތަކުގައި ވެސް ހިޔާލު ފާޅު ކުރުމަށް ބޭނުން ކުރާ ވެބްސައިޓުތައް ރަޖިސްޓާ ކުރަން ނުޖެހޭ ކަމަށް އެޑިޓާސް ގިލްޓުން ބަނީ ބުނެފައެވެ. އަދި އެއީ މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން ވެސް ބަލައިގަންނަ ކަމެއް ކަމަށާއި، މީޑިއާ ކައުންސިލްގެ ދައުރެއް ނެތި ދެ ވެބްސައިޓު ބަންދު ކުރަން ޖެހުނު ސަބަބު ހާމަ ކުރުމަށާއި ހާމަ ނުކުރާހާ ހިނދަކު އެ ދެ ސައިޓް އަލުން އޮޕަރޭޓް ކުރުމަށް ދޫކޮށްލުމަށް ގޮވާލާކަމަށް އެޑިޓާސް ގިލްޑުން ބުނެފަވެއެވެ.
ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތަކެއް ބްލޮކް ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ކަންބޮޑުވުން ފާޅުކުރިއިރު، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!