''ދަރިންގެ ޙައްޤުތައް އަދާނުކުރުމަކީ ސުވަރުގެ ވަނުމުން މަޙްރޫމްވެދާނެކަމެއް''

Tharubiyyathu - Dheen

ދަރިން ތަރުބިއްޔަތުކުރުމުގައި ހައްގުތައް އަދާނުކުރުމަކީ ޚިޔާނާތެއްކަމަށާއި، އެއީ ސުވަރުގެ ވަނުމުން މަޙްރޫމްވެދާނެކަމެއް ކަމަށް މިއަދު ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

''ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން'' މަޢުލޫއަށް މިއަދު ގެނެސްދިން ޚުޠުބާގައި ދަރިންނަކީ ޙަޔާތުގެ އުފާވެރިކަމުގެ ރަމްޒުކަން ބަޔާންކޮށް ބުނެފައިވާގޮތުގައި އެއީ ޤައުމުގެ ކަންތަކާއި މާދަމާ ހަވާލުވާންތިބި މާދަމާގެ ޒުވާނުންނެވެ. އެހެންކަމުން ހެޔޮ ތަރުބިއްޔަތުދީ، ހެޔޮގޮތުގައި ދަރީން ބަލައި ބޮޑުކުރަންވާނެކަމަށް ޚުޠުބާގައި ބުނެފަވެއެވެ.

ހެޔޮލަފާގޮތުގައި ދަރީން ބަލައި ތަރުބިއްޔަތު ކުރުމުގައި އިސްލާމްދީނުގައި ގިނަ ޙައްޤުތަކެއް އެކުލެވޭއިރު، މީގެ ތެރެއިން އެންމެ ބޮޑު ޙައްޤަކީ، ހެޔޮލަފާ ޢާއިލާއެއްގެ ތެރެއަށް ކުއްޖާ އުފަންވެ، ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ ޙައްޤުކަމަށް ޚުޠުބާގައި ބުނެފަވެއެވެ.

ޚުޠުބާގައި ވަނީ ދަރިންނަށް ދެވޭ ހެޔޮ ތަރުބިއްޔަތުގެ ސަބަބުން ރިޒްޤު ތަނަވަސްވެ، މާތްﷲގެ ރަޙްމަތާއި، ޘަވާބު އިތުރުވެގެންދާކަން ދަލީލާއެކު ބަޔާންކޮށްފައެވެ.

''ދަރިން ތަރުބިއްޔަތު ކުރުމުގައި ތިޔަބައިމީހުން އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގައި ފަސްޖެހުމަކީ ޚިޔާނާތެކެވެ. އެއީ ތިޔަބައި މީހުން ސުވަރުގެ ވަނުމުން މަޙްރޫމްވެދާނެކަމެކެވެ.'' ޚުޠުބާގައި ބުނެފަވެއެވެ.

ހެދިބޮޑުވަމުން އަންނަ ޖީލަށް ރަނގަޅު ހެޔޮ ތަރުބިއްޔަތު ދިނުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށް، އެކަނިވެރިކަން ލިބިފައިވާ ކުދިންނާއި، ޔަތީމު ކުދިން ކުޑަކުދިންގެ ހިޔާތަކުން ނެރެ ލޯބީގެ ހިޔާވަހިކަމުގައި ބަލައި ބޮޑުކުރުމަކީ، ކުލުނުވެރި ހެޔޮލަފާ ޞާލިޙް ދަރީންތަކެއް ގޮތުގައި އެކުދީން މުޖުތަމައުގެ ތެރެއަށް ނުކުތުމަށް ވެދެވޭ އެހީތެރިކަމަކަށްވާނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ގޯނާކުރުމުން ދުރުހެލިވެ، ރައްކާތެރި ބައެއްގެ ގޮތުގައި އެކުދީން ބޮޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ޚުޠުބާގައި އަލިއަޅުވާލާފައިވާއިރު، ދެ މަފިރިންގެ ދެބަސްވުމާއި ދެމަފިރިންގެ ދެމެދުގައި އުފެދޭ ނުތަނަވަސްކަމަކީ ދަރީންގެ ހަޔާތުގެ ބަދުނަސީބު ޞަފްޙާއެއްކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުޠުބާގައި ބުނެފައިވާގޮތުގައި ފިރިމީހާ އަނބިމީހާ ދެކެ އަންނަ ރުޅީން ދަރީންނަށް ޚަރަދު ނުދިނުމާއި، އަނބިމީހާ ފިރިމީހާދެކެ އަންނަ ރުޅީން ދަރީންނަށް އަޅައިނުލުމަކީ މާތްﷲ ނަހީކުރައްވާފައިވާކަމެކެވެ.

މިއަަދުގެ ޚުޠުބާ ވިދާޅުވުމަށް: ''ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން''

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *