ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފައިވާއިރު، އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެމީހާ ޑަކްޓަރަށް ދެއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދިން މައްސަަލައެއް މިރޭ 18:50 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ މިރޭ އިރާކޮޅު ބުނެފައެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެމީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހަމަލާދީފައި ވަނީ ޢާއިލީ މައްސަލައެއްގައި، ދަރިއަކު އޭނާގެ މަންމައަށް ކަމަށް މިހާތަނަށް އެ އިދާރާއިން ކުރި ތަހުގީގުން އެނގޭކަމަށެވެ.
އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފައި ވަނީ އެ މައްސައިގެ ތަހުގީގު ފެށުމަށް ފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!