ރާއްޖޭގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަޖުބޫރު ކުރަން އުޅޭ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލިޔުމެއްގައިވާ ގޮތުން އަންނަ މާޗު މަހުގެ އެކަކުން ފެށިގެން ސްކޫލުތަކުގައި ބުރުގާ އެޅުން މަޖޫބުރު ކުރަން އަންގާ ކަރުދާހެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތައްޔާރުކޮށްފައެވެ. އޭގައިވާ ގޮތުން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވީ ހިނދު، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ދީނުގައި އޮންނަ ގޮތަށް އައުރަ ނިވާކޮށްގެން ދަރިން ސްކޫލަށް ފޮނުވައި ތަރުބިއްޔަތު ދިނުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓްރީން ދެކެއެވެ.
މާޗް އެކަކުން ފެށިގެން އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ހެދުން އަޅައިގެން މުޖުތަމައުގެ ތެރޭގައި މަނާކަމެއް ކަމަށް މުޖުތަމައުގެ ތެރޭގައި އޮންނަ އޮތުން ސަރުކާރުން ތަންފީޒު ކުރަން ފަށާއިރު، ސްކޫލްތަކުގެ އަންހެން ދަރިވަރުން ހިޖާބު އެޅުމަކީ ވަށާ ޖެހޭ ގޮތަށް ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންތެރިކަމެއް ކަމަށް އެ ލިޔުމުގައިވެއެވެ.
އެގޮތުން އެކަމާ ގުޅުން ހުރި މަޝްވަރާތައްކޮށް، އެ ސިޔާސަތު ތަންފީޒު ކުރާނެ ގޮތުގެ ޓައިމްލައިނެއް އެކުލަވާލާފައިވާ ކަމަށާއި އެ ސިޔާސަތަށް ރުހުން ދިނުމަށް ކެބިނެޓަށް ހުށަހެޅުމަށް ކަރުދާހެއް ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
ނަމަވެސް މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ސްކޫލުތަކުގައި ބުރުގާ އެޅުން ތަންފީޒު ކުރުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ.
މި ލިޔުމުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އެޅުން އަންނަ މާޗު މަހުން ފެށިގެން މަނާކޮށްފައިވާ ކަމަށް ބުނާ ޕޯސްޓެއް ވެސް ވަނީ ދައުރުވަމުންނެވެ.
ނަމަވެސް އެ ޕޯސްޓުގައި ހުރި ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ ދޮގު ކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!