ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ އިސްލާހްތައް ހިމަނައި މަޖިލީހުގެ ގަވާއިދު މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދަށް އެ ބަދަލުތައް ގެންނަން އާންމުކޮމެޓީން ފާސްކޮށްފައިވާ އިސްލާހްތައް މަޖިލީހުގެ ތަޅުމުގައި މިއަދު ފާސްކުރީ 44 މެންބަރުންގެ ވޯޓުންނެވެ. މި ގޮތަށް ފާސްކުރުމާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަކިކުރުމުގެ މަރުހަލާ ހިމެނޭބައި އިސްލާހްކޮށް އެކަމުގެ މަގު ކުރުކޮށް، ފަސޭހަކުރަން އާންމުކޮމެޓީއަށް އިސްލާހް ހުށަހެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ޑިމޮކްރެޓްސްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މިއަދު ފާސްވި އިސްލާހްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި ހާލަތެއްގައި އެ ގަރާރު މަޖިލީހަށް ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވަން ވަނީ ހިމަނާފައެވެ. އަދި ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުމަށް ވަނީ ގަވާއިދު އިސްލާހްކޮށްފައެވެ.
މި މަރުހަލާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ދިފާއުގައި ތިން ވަކީލެއް މަޖިލީހަށް ގެންދިޔުމުގެ ފުރުސަތު ލިބޭގޮތައް މިއަދު ފާސްކުރި އިސްލާހްގަވެއެވެ.
މިފަދަ ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ހަތް މެބްރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކަށް ފޮނުވަން އިސްލާހްގައި ބުނާއިރު، އެ ކޮމެޓީގެ މަސައްކަތް ފަސް ދުވަހުގެ ތެރޭގައި ނިންމައި މަޖިލީހުގެ ރައީސަށް ފޮނުވަންޖެއެވެ.
މިއަދުގެނައި އިސްލާހާއެކު މަޖިލީހުގެ ރައީސްއަށް އެ ރިޕޯޓު ލިބޭތާ ދެ ދުވަސްތެރޭގައި ރިޕޯޓާމެދު ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާއެއް ބޭއްވަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!