ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި މިއަދު ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް އަތުން ރޫހް ޓީމުން ފަސޭހަ މޮޅެއް ހޯދައި ފެށުން ރަނގަޅު ކޮށްފިއެވެ.
މި މެޗު ރޫހް ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރޫހުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ނައިސަމް އާދަމް ސައީދު ޖަހައިދިންއިރު، އޭގެ ދެ މިނެޓް ފަހުން އަލީ ރަމީޒް ވަނީ ލަނޑުޖަހައި ލީޑު ފުޅާ ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރޫހް ޓީމުން ތަނަވަސް ކުރިއެވެ. ރޫހްގެ ތިންވަނަ ލަނޑު 74 ވަނަ މިނެޓުގައި ޖަހައި ދިނީ ވެސް އަލީ ރަމީޒެވެ. މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ.
މި މުބާރާތުގައި ޖުމްލަ ނުވަ ޓީމް ވާދަކުރެއެވެ. ގްރޫޕް އޭގައި ހިމެނެނީ އަހުލީ، ޔޫތު ފްރެންޑްސް، ޔުނީފޯމް، ކްލަބް ޑޮމިނޭޓާސްގެ އިތުރުން ރިއަލް ސްޓާސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ޝީލްޑް، ފަލްކަން، ރޫހްގެ އިތުރުން ޑެޒަޔަރ ކްރޫއެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ބައްދަލުކުރާނީ އަހުލީއާއި ޔުނީފޯމެވެ. އަހުލީން ވަނީ މުބާރާތް ހުޅުވި މެޗު ޔޫތު ފްރެންޑްއާއި ވާދަކޮށް ކާމިޔާބުކޮށްފައެވެ. މާދަމާގެ މެޗަކީ ޔުނީފޯމް މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!