ރަމަޟާން މަހުގެ (ރޯދަ މަހުގެ) ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް މިގޮތައް ނިންމެވިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ އެވެ.

Ad
rt

ޝަހީބު ވިދާޅުވީ ރޯދަމަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން އެކަމާއި ވަޒީރުންގެ މަޖިލީހުގެ ލަފާ، ރައީސް މިއަދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހޯއްދެވިކަމަށް ޝަހީބު ވިދާޅުވިއެވެ.

ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހު ރޯދަމަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ރައީސް މިހާރު ވަނީ ހަމަޖައްސަވާފައި ކަމަށް ޝަހީބު ވިދާޅުވިއެވެ.

ރޯދަމަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ރައީސް ހަމަޖެއްސެވީ، ރޯދަ މަހުގެ ފަހު ދިހަގައި ވީހާވެސް ބޮޑަށް ރައްޔިތުންނަށް އަޅުކަމުގައި މަޝްއޫލުވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށް ޝަހީބު ވަނީ ފާހަގަކުރައްވާފައެވެ.

މި ނިންމެވުމަކީ އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި ދީނީ ކަންތައްތަކަށް ރައްޔިތުންގެ ލޯބި ޖެއްސުމަށާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށް ނިންމެވި ނިންމެވުމަށް ކަަމަށް ވެސް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.