ފަރުޟު ފަސްނަމާދު ވަގުތުގައި ޤާއިމުކޮށް، ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމަށް ރައީސްގެ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފިއެވެ.

މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރައް ރޭ މާލޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ ހުރަވީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ޤައުމީ ބަތަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން)ގެ ޖިހާދުން ދިވެހިންނަށް ލިބިދޭ އިބުރަތްތަކާއި ފިލާވަޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އަދި އެކަމުން ޤައުމިއްޔަތުގެ މުހިންމުކަން އަންގައިދޭ ކަމަށާއި، ޤައުމިއްޔަތު އިޔާދަ ކުރުމަށް މާތްވެގެންވާ އިސްލާމް ދީނުގެ ޝިޢާރު އެންމެ މަތީ ދަރަޖައަށް ދިރުވަން ޖެހޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.،

Ad
rt

މިގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން ބޭނުންވަނީ ޤާނޫނު ނަގަހައްޓައި، އިސްލާމްދީނަށް ނަޞްރުދީ، އަދި އިސްލާމްދީނުގެ މާތް ސިފަތަކަށް އަޅުގަނޑުމެން ހުރިހައި ދިވެހީން އަހުލުވެރިވާން ކަމަށް ވަނީ ވިދާޅުވެފައެވެ.

މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އެއް ތަނބަކީ ފަރުޟު ފަސް ނަމާދުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކުރުމަށް އެންމެހާ ރައްޔިތުނަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

''ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް. ޝައްކެއްނެތް. ނަމާދުގެ ޖަމާޢަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ޤައުމު ނިކަން ވަރުގަދަވާނެ. އުފާވެރިވާނެ. ބާއްޖަވެރިވާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

މި މައުލޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ދުލުގެ ސީދާކަމާއި، ވަޢުދަށް ކަމޭ ހިތުމަކީ ވެސް އެހާމެ މުހިންމު ކަންކަން ކަމަށެވެ.

''މުނާފިޤުންގެ ސިފަ ބަޔާންކުރައްވައި ލޮބުވެތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ މުނާފިޤުން ވާހަކަދައްކާ ނަމަ ދޮގު ހަދާނެކަމަށް. ވަޢުދެއް ވެއްޖެ ނަމަ އެ ވަޢުދާ ޚިލާފުވެ ޚިޔާނާތްތެރިވާނެކަމަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހިރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ އަޅުގަނޑު ވެއްޖެ ވަޢުދަކަށް އަޅުގަނޑު އަމާނާތްތެރިވާނަންކަން'' ރައީސް ވިދާޅުވެފަވެއެވެ.