ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވެރިރަށް މާލޭގައި ރޭ ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުންކަމަށާއި، ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

Ad
rt

އެ ގޮތުގައި އެމަނިކުފާނު ދެމި ހުންނާނަވާނެކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ދިވެހި މުޖުތަމަޢު ފަސާދަކުރާ ހުރިހައި އިޖުތިމާޢީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރަައްވާނެ ކަމަށެވެ.

''އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ނުހަނު ލޯބިވަން. ރައްޔިތުންގެ ސަލާމަތާއި ދެދުނިޔޭގެ ބާއްޖަވެރިކަމާ މެދު އަޅުގަނޑު ވަރަށް ފިކުރުކުރަން. އެ ކަމަށް ޓަކައި އަޅުގަނޑު އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންނަށް ޓަކައި އަދި ﷲގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑު އަދާކުރާނަން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން، ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ.

ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި، ލޮޑުކޮށްލާކަމެއް ކަމަށާއި، އެއީ އިންސާނާގެ އުފެއްދުންތެރިކަން މަރައިލައި، ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ފަދަ އެތައް ސަބަބެއް އޮތުމުން މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި ކަމަށާއި، ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނުކުފާނުވިދާޅުވީ، އެކަން އެގޮތައް މަނާކުރެވިފައި ވަނީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި ކަމަށެވެ.

''އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން. މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި. ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ.'' ރައީސް ވިދާޅުވެފަވެއެވެ.