ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި ރާއްޖޭގެ 1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާ އިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތް ފެންނަން އޮންނަ ކަމަށެވެ، މިގޮތުން ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަޠަލް މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި، އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރު ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ، ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމަށް ވިދާޅުވިއެވެ.
''މި ޙާލަތުގައި މި ހާދިސާގެ ދެފަރާތަށް ބަލައިލަން އަޅުގަނޑު ބޭނުންވޭ. އެންމެ ފުރަތަމަ، މައްސަލައިގެ އަނދިރިފަރާތް. ޝަމްސުއްދީނާއި މުޙްޔިއްދީނަކީ ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން. ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވި. އަދި ކަނޑައެޅިގެން ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީއާއިން ހޮޅީންނަށް ލިޔުއްވި.'' ރައީސް ވިދާާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަމުގެ ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުން ކަމަށާއި، އަދި އެންމެ ފަހުން ތިމާގެ އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވި ބަޔަކު އެހެން ދައުލަތަކަށް ވަފާތެރިވާނެހޭ ބުނެ ހޮޅީން، މި ޣަދަރުވެރި ދެ ދިވެހީން ކަނޑުފައްތައިމެރުން ކަމަށެވެ.
ރައީސް ވިދާޅުވީ، އެފަދަ ކަންކަމަކީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން ކަމަށެވެ.
''ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްޞަކޮށް، ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ޤައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ޤައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް.'' ރައީސް ވިދާޅުވެފަވެއެެެ.
ހުރަވީ ދުވަހުގެ އަލިފަރާތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަން ފެންނަން އޮތް ކަމަށެވެ. އަދި ފާހަގަކުރެވޭ ޙަޤީޤަތަކީ މި ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަން ފެންނަ އެބައޮތް ކަމަށާއި، އެ ބޭފުޅުންގެ އޮތީ ހަމައެކަނި ޤައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަން ފެންނަ އޮތްކަމަށެވެ.
މި ޙަޤީޤަތް ޔަޤީންވެ ކަށަވަރުވާ އެއް ކަމަކީ ހަނގުރާމައިން ނަޞްރު ލިބިވަޑައިގަތީމާ ވެސް ދޮންބަންޑާރައިން ތަޚުތު ގަބޫލު ނުކުރެއްވިކަން ކަމަށާއި، އަދި ރައްޔިތުންގެ ފަރާތުން ވެދުމަކަށް އެރުވި ފައިސާގައި ވެސް ބީހިވަޑައިނުގަތްކަންކަމަށް ރައީސް ވިދާޅުވިއެވެ.
''އެނގިވަޑައިގަންނަވާނެ ފަދައިން، ހޮޅިން ބަލިކުރެއްވުމަށް ފަހު، ދައުލަތް ހިންގަވަން ހަވާލުކުރެއްވީ، ކުރިން ހުންނެވި ރަސްގެފާނުގެ ބޭފުޅުންނާ. ދޮންބަންޑާރައިން ތަޚުތުގައި އިށީނދެވަޑައިގަތީ، ކުރީގެ ރަދުންގެ ދެ ބޭފުޅުން ވެސް ތަޚުތާ ދުރަށް ވަޑައިގެން ދޮންބަންޑާރައިންނަށް ތަޚުތު ހުށަހެޅުއްވުމުން. އެހިނދަށް އެމަނިކުފާނު ފިޔަވައި އެކަށޭނަ އެހެން އެއްވެސް މީހަކު ނެތްކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން އެ ނޫން ގޮތެއް ނެތިގެން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ އިޚްލާޞްތެރިކަމާއި މާތް އަޚްލާޤަކީ މި ހާދިސާގައި ތާރީޚުގެ އަލިފަރާތުން ފެންނަ ވަރަށް އުޖާލާ މިސާލެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!