ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ މިއަދު އެވެ.
މިކަމުގެ ހިތާމާގައި 17 ޑިސެންބަރު 2023 އިން ފެށިގެން 19 ޑިސެންބަރު 2023 އަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަޙުދު އައްޝައިޚް މިޝްޢަލް އަލްއަޙްމަދު އަލްޖަބާރުއަށް ތަޢުޒިޔާގެ މެސެޖެއް ވެސް ފޮނުއްވާފައެވެ.
މި މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަކީ ދުރުވިސްނުން ގެންގުޅުއްވި، ސާބިތުކަމާއެކު އެޤައުމާއި ރައްޔިތުންގެ ޙައްޤުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި އޯގާތެރި ޚިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.
ރައީސްގެ މި މެސެޖުގައި ކުވޭތާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަކީ ދެގައުމުގެ މެދުގައި އޮތް އިތުބާރާއި އިޙްތިރާމާއި ސުލްޙައާއި ތަމައްދުންގެ މައްޗަށް އެކުލެވިފައިވާ ވަރަށް އަޚްވަންތަ ގުޅުމެއް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!