ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުއެވެ.

Ad
rt

ނައިބު ރައީސް އެނބުރި ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި ސަރުކާރުގެ ބައެއް ވަޒީރުންނެވެ.

4 ޑިސެމްބަރު 2023 ގައި ނައިބު ރައީސް ފުރަތަމަ ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށެވެ.

އެއަށްފަހު ސްވިޒަލެންޑަށް ވަޑައިގެން، ޑިސެންބަރު މަހުގެ 11 އިން 12 އަށް އެ ގައުމުގެ ޖެނީވާގައި ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ ހަވާސާގައި، ނައިބު ހުސެން ވަނީ އެހެން ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި އ.ދ.ގެ އިދާރާތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.