މާލޭގެ މޭޔަރުކަމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށްޓަކައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް، އިލެކްޝަން ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފިއެވެ.
ސައިފުގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ތިން ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޑިމޮކްރެޓްސްގެ ތިން ކެންޑިޑޭޓަކު ވަނީ މިއަދު ފޯމު ހުށަހަޅާފައެވެ.
މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.
މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ އެސްޓީއޯ އާއި އެމްޓީސީ އަދި އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަމާއި، ސީއީއޯކަން ކުރައްވާފައިވާ އާދަމް އާޒިމް އެވެ.
ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރެވެ.
މީގެ އިތުރުން ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދު ވެސް މި ރޭހުގައި ވާދަކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!