2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިބަޖެޓް މަޖިލީހަށް ފޮނުވީ 31 އޮކްޓޯބަރު 2023 ގައެވެ. އޭރު މާލީ ވަޒީރު އިބްރާހީމް އަމީރު މަޖިލީހަށް މި ބަޖެޓް ހުށަހަޅުއްވައި ދެއްވީ 14 ނޮވެމްބަރު 2023 ގައެވެ.

Ad
rt

މަޖިލީހުގައި ބަޖެޓް މަސައްކަތް ކުރިއަށް ގެންދެވުމަށްފަހު ބަޖެޓު ކޮމެޓީން ފާސްކުރި ބަޖެޓަށް މިއަދު ތަޅުމުގައި ވޯޓަށް އަހާފައިވާއިރު އެ ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

2024 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް މާލީ ވުޒާރާއިން ހުށަހެޅި ބަޖެޓުގެ ޖުމްލަ އަކީ 49.5 ބިލިއަން ރުފިޔާ އެވެ.

މި ބަޖެޓު ދިރާސާކޮށް، ބަޖެޓު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓުގައިވާ ބަޖެޓްގެ ޖުމްލަ އަކީ 49.9 ބިލިއަން ރުފިޔާ އެވެ. އެއީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނިއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވަނީ ލަފާކޮށްފައެވެ. މީގެ ތެރެއިން ލިބޭނެކަމަށް ލަފާކޮށްފައިވާ ހިލޭ އެހީގެ މިންވަރަކީ 1.2 ބިލިއަން ރުފިޔާ އެވެ.