ނިއުކްލިއާ ހަމަލާއެއް ކުރިމަތިވެދާނެ ހާލަތަކަށް ރައްޔިތުން ތައްޔާރުވެ ތިބުމުގެ ގޮތުން، އެފަދަ ހަމަލާއަކުން ރައްކާތެރިވެ ސަލާމަތްވާނެ ގޮތުގެ މުހިންމު އިރުޝާދުތަކެއް އީރާނުގެ ދައުލަތުގެ މީޑިއާތަކުން އާންމުކޮށްފިއެވެ.
މި އިރުޝާދުތައް އާންމުކޮށްފައި ވަނީ އީރާނުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ "ޕެސިވް ޑިފެންސް ވީކް" ހަރަކާތްތަކާ ދިމާކޮށެވެ.
އީރާނުގެ ދައުލަތުގެ ޓެލެވިޜަނާއި އެހެނިހެން މީޑިއާތައް މެދުވެރިކޮށް ދެއްކި އަށް މިނެޓުގެ އިރުޝާދީ ވީޑިއޯގައި ހިމަނާފައިވާ ކަންކަމަކީ، އެމެރިކާގެ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީ (ފީމާ) އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ކަނޑައަޅާފައިވާ ކުއްލި ހާލަތުގެ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ފިޔަވަޅުތަކެކެވެ. މީގެ މައިގަނޑު މަގުސަދަކީ ނިއުކްލިއާ ކާރިސާއެއް ހިނގައިފިނަމަ ފުރާނަ ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
އެ އިރުޝާދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގޮވުމާއެކު އުފެދޭ ގަދަ އަލިފަށަށް ސީދާ ބެލުމުން ދުރުހެލިވާންޖެހެއެވެ. އެއީ އެ އަލީގެ ސަބަބުން ލޮލުގެ ރެޓިނާ އަނދައި، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތަކަށް ލޮލުގެ ފެނުން ގެއްލިދާނެތީއެވެ. އަދި ބޭރުގައި ހުއްޓައި ހަމަލާ އަމާޒުވެ، ވަގުތުން އިމާރާތެއްގެ އެތެރެއަށް ނުވަދެވޭ ހާލަތްތަކުގައި، ހުރަހެއްގެ ނިވަލުގައި ބޯ އަޅައިގެން ބިންމަތީގައި ބަންޑުން އޮށޯވެ އޮތުމަށް ވަނީ އަންގާފައެވެ. އެއަށްފަހު، ގޮވުމުގެ ލޮޅުން (ބްލާސްޓް ވޭވް) ކެނޑުމުން، ވީއެންމެ އަވަހަކަށް ކައިރީގައި ހުރި އިމާރާތަކަށް ވަންނަންޖެހެއެވެ. މިފަދަ ވަގުތުތަކުގައި ފޮޓޯއާއި ވީޑިއޯ ނެގުމަށް މަޑުނުކުރުމަށާއި، ވެހިކަލްތަކަކީ ނިއުކްލިއާ ރޭޑިއޭޝަނުންނާއި ގޮވުމުގެ ބާރުން ރައްކާތެރިކަން ދޭ އެއްޗަކަށް ނުވާތީ ވެހިކަލްތަކުގެ އެތެރޭގައި ހިމާޔަތް ނުހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އިމާރާތެއްގެ އެތެރެއަށް ވަނުމަށްފަހު، ބޭރު ފާރުތަކާއި ކުޑަދޮރުތަކާ ދުރަށް ޖެހި، އިމާރާތުގެ އެންމެ އެތެރެއަށް ނުވަތަ ބިންގަރާހަށް (ބޭސްމަންޓަށް) ދިއުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. ސަބަބަކީ ކޮންކްރީޓާއި ސިމެންތި ފަދަ ބޯ ފާރުތަކަކީ ނުރައްކާތެރި ގާމާ ރޭޑިއޭޝަން ހުއްޓުވައިދޭ ވަސީލަތްތަކަށް ވާތީއެވެ. މީގެއިތުރުން ވައިގެ ތެރޭގައި ހުންނަ ނިއުކްލިއާ ކުނިބުންޏާއި ވިހަ ދުމުގެ ޒައްރާތައް އެތެރެއަށް ވަނުން ހުއްޓުވުމަށްޓަކައި ކުޑަދޮރުތަކާއި ދޮރުތައް ރަނގަޅަށް ބަންދުކޮށް، ބޭރުން ވައި ވައްދާ އޭސީ އަދި ވެންޓިލޭޝަން ސިސްޓަމްތައް ނިއްވާލަންޖެހެއެވެ. އަދި އިމާރާތުގައި އަލިފާން ރޯވެ ނުވަތަ ވެއްޓިދާނެ ފަދަ ނުރައްކަލެއް އޮތްނަމަ، އެހެން ރައްކާތެރި ތަނަކަށް ބަދަލުވުމަށް ވެސް ލަފާދީފައިވެއެވެ.
ހަށިގަނޑުން ވިހަ ފިލުވުމަށް ނުވަތަ ޑީކޮންޓެމިނޭޝަނަށް ބަލާއިރު، ބޭރުގައި އުޅުނުއިރު ލައިގެން ހުރި އަންނައުނު ފޮޅުމެއް ނެތި ބާލައި، ކޮތަޅެއްގައި ބަންދުކޮށް މީހުންނާ ދުރުގައި ބެހެއްޓުމަށް ބަޔާންކޮށްފައިވެއެވެ. ބޭރު އަންނައުނު ވަކިކުރުމުން ހަށިގަނޑުގެ ބޭރުގައި ހުންނަ ރޭޑިއޭޝަން އެކުލެވޭ ކުނިބުނީގެ 90 އިންސައްތަ ނައްތާލެވެއެވެ. އަދި އާދައިގެ ތާފަނާ ފެނުން ސައިބޯނި ލައިގެން ފެންވެރުމަށާއި، ކޮންޑިޝަނާ ބޭނުން ނުކޮށް އާދައިގެ ޝޭމްޕޫ ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ. ކޮންޑިޝަނާ ބޭނުން ނުކުރަން އެންގީ އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑުގައި ރޭޑިއޭޝަން ހިމެނޭ ހިރަފުސް ތަތްވުމުގެ ފުރުސަތު އޮންނާތީއެވެ. ފެންވަރަން ނެތް ހާލަތެއްގައި ފެނުން ނުވަތަ ތެތް ޓިޝޫ ބޭނުންކޮށްގެން ހަށިގަނޑުގެ ހާމައަށް ހުރި ބައިތައް ސާފުކުރުމަށާއި، ފުޅީގައި ބަންދުކުރި ފެނާއި ރައްކާކޮށްފައި ހުރި ކާބޯތަކެތި ބޭނުންކުރުމަށް ވަނީ އަންގާފައެވެ.
އިމާރާތުގެ ރައްކާތެރިކަމުގައި މަދުވެގެން 24 ގަޑިއިރު ހޭދަކުރުމަށް އީރާނުގެ މީޑިއާތަކުން ވަނީ ބާރުއަޅާފައެވެ. ސަބަބަކީ ނިއުކްލިއާ ހަމަލާއަކަށްފަހު ފުރަތަމަ 24 ގަޑިއިރަކީ ރޭޑިއޭޝަންގެ ބާރު އެންމެ ގަދަ ވަގުތަށް ވެފައި، "7:10 ރޫލް" ގެ ދަށުން ވަގުތު ހަތްގުނަ ވާވަރަކަށް ރޭޑިއޭޝަންގެ މިންވަރު ދިހަގުނަ ދަށަށްދާތީއެވެ. މި އުސޫލުން 24 ގަޑިއިރު ފާއިތުވާއިރު ރޭޑިއޭޝަން ގާތްގަނޑަކަށް 99 އިންސައްތަ ދަށަށްދެއެވެ. އެހެންނަމަވެސް، 24 ގަޑިއިރު ހަމަވުމަކުން ނުރައްކާ މުޅިން ފިލައިދިޔައީ ކަމަށް ނުބަލައި، ބޭރަށް ނުކުތުމުގައި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، މި އިރުޝާދުތަކަށް އާއިލާތައް ކުރިއާލައި ތައްޔާރުވެ ތިބުމަށް ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!