ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ޤަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ އެމަނިކުފާނު ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި މަސްވެރިކަން ޢިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައިދެކިވަޑައިގަންނަވާ ކަމަށެވެ.
އަދުގެ މަސްވެރިންގެ ތަޖުރިބާއާއި، ޒުވާން މަސްވެރިންނަށް ފޯރަންވީ ހުނަރާއި، އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އޮތް ފަންނިއްޔާތު، ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ހުފަނެއް ކަމަށް ވިދާޅުވިއެވެ.
''އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ހާސިލުކުރާނެ ޙަޤީޤަތެއް. މިކަމަށްޓަކައި މަސްވެރިން ތަމްރީނުކުރާ މަރުކަޒު، ނުވަތަ ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓް އަޅުގަނޑުމެން ޤާއިމުކުރާނަން. މި ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުވެގެން ދާނެ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިކަމުގެ އިދާރީ މަސައްކަތްތައް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ އަމާޒުގެ ތެރޭގައި ހިމެނި، އެމަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!