ނޮޅިވަރަމުގައި އާންމު ރައްޔިތުންގެ އެކިއެކި ބޭނުންތަކަށާއި ބައެއްފަރާތް ތަކުން ވިޔަފާރި އުސޫލުން ގައު އަޅާވިއްކުމަށް މިދުވަސްވަރު ގޮނޑުދޮށުން ގިނައަދަދަކަށް ވެލި ނަގަމުންދާތީވެ ރަށް ގިރުމުގެ މައްސަލަމިވަނީ ވަރަށް ބޮޑު ވެފައެވެ.
މިދުވަސްވަރު އާދަޔާހިލާފަށް ނޮޅިވަރަމުން ވެލިނަގަމުން ދާތީ އަމިއްލަ ފަރާތަކުން ވަނީ އީ.ޕީ.އޭ އަށް މައްސަލަވެސް ހުށައަޅާފައެވެ. އަދި މިމައްސަލަ މިހާރު އީ.ޕީ.އޭ އިން ބަލަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިނޫހަށް މަޢުލޫމާތު ދެމުން ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ 3 މީހަކު ބިދޭސީން ލައްވާ ގާއެޅުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 500 -1000 ދެމެދުގެ އަދަދަކަށް ވެލިގޯނި ނަގަމުންދާކަމަށެވެ.

މިހާރު ނޮޅިވަރަމްގެ ހާލަތަށް ބަލާއިރު ރަށުގެ ހޭޅިފަށުގައި ހުރި ދުވަސްވީ ފުނަ ކާނި އަދި ހިރުދު ފަދަ ގަސްތައް ދަނީ ނެތެމުންނެވެ. މިދުވަސް ވަރަކީ ގެދޮރު ބިނާ ކުރުމުގެ މަސައްކަތް ގިނަ ފަރާތް ތަކަކުން ކުރަމުންދާ ދުވަސްވަރަކަށް ވާތީ މިކަން ނުހުއްޓުވިއްޖެނަމަ ރަށުގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެކަމަށް އެރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނެފައިވެއެވެ.
2004 ސުނާމީ ކާރިސާގައި ރަށަށް ބޮޑު ގެއްލުމެއް ވުމުގެ ހުރަހަކަށް ވީ ރަށުގެ ވަށައިގެންވާ އުސް ފަސްގަނޑު. ނަމަވެސް ގިނަ އަދަދަކަށް ވެލި ނެގުމުގެ ސަބަބުން މިބުނި ފަސްގަނޑު ބައެއް ދިމަދިމާލުން ގިރާލައިފި، މިކަންކަން އެކަށީގެންވާ ވަރަށް ކައުންސިލުން ބަލަމުންނުދޭ.
އެރަށުން ވާހަކަ ދެއްކި ޒުވާނަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

މިދެންނެވި ގޮތަށް ޤަވާއިދާ ހިލާފަށް ގަލާއި ވެއްޔާ އަކިރި ނަގަމުންދާ ފަރާތްތަކާއި މެދު ޤާނޫނު ނަމްބަރ 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއިބެހޭ ޤާނޫނު) ދަށުން ފިޔަވަޅު އަޅާނެ ވާހަކަ އަންގަމެވެ. ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ރައްރަށުގެ ގޮނޑު ދޮށުންނާ ހޭޅިފަށުން ގަލާއި ވެއްޔާ އަކިރި ނެގުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއިބެހޭ ޤާނޫނު 4/93 ދަށުން މަނާ ކުރެވިފައިވާ ކަމެއްކަމުގައި އަންގަމެވެ.
ކައުންސިލް މެންބަރ އިބްރާހިމް ނަޞީރު ސޮއިކުރައްވާ ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!