އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމަށް މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ރޭ މޮޅެއް ލިބިއްޖެއެވެ.

މި ދެ ޓީމަކީ ވެސް ލީގު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމެވެ. ނަމަވެސް ޓޮޓެންހަމް ރޭ މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އެ ޓީމަށް އޮތީ މޮޅެއް ނުލިބިއެވެ. ސިޓީ ވެސް ރޭ މެޗަށް ނުކުތްއިރު އޮތީ ހަމަ މިފަދަ ހާލަތެއްގައެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ނުހޯދުމުގެ ނަތީޖާއެއްގެ ގޮތުން ޕޮއިންޓް ތާވަލުގެ ގަދަ ދެ ޓީމްތެރޭން އެ ޓީމް އޮތީ ސޮއްސާލާފައެވެ.

Ad
rt

ރޭ ސިޓީން ވަނީ ރަށުން ބޭރުގައި ލޫޓަން ޓައުންގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ލޫޓަން އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ އަޑެބަޔޯއެވެ. ސިޓީން ނަތީޖާ އަނބުރާލީ ކައިރިކައިރީގައި ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު 62 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ޖަހައިދިންއިރު މެޗުން މޮޅުވި ލަނޑު އޭގެ ތިން މިނެޓް ފަހުން ޖަހައިދިނީ ގްރީލިޝްއެވެ. އަނިޔާގެ ސަބަބުން ރޭ މެޗުގައި ސިޓީގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް ކުޅެފައި ނުވެއެވެ.

ދަށް ނަތީޖާތަކަށް ފަހު ޓޮޓެންހަމުން ރޭ ވަނީ ނިއުކާސަލް މައްޗަށް ބޮޑު މޮޅެއް ހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމުން ވަނީ 4-1 ގެ ނަތީޖާއިން ނިއުކާސަލް ބަލިކޮށްފައެވެ. ރޭ މެޗުގައި ރިޗާލިޝަން ދެ ލަނޑު ޖެހިއިރު ދެން ލަނޑުޖެހީ ސޮންއާއި އުޑޯއީއެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ޖޮއެލިންޓަންއެވެ.

ސިޓީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. ތާވަލުގެ ފަސްވަނާގައި ޓޮޓެންހަމް އޮތީ 16 މެޗުން ލިބުނު 30 ޕޮއިންޓާއި އެކުގައެވެ. ނިއުކާސަލް މިވަގުތު އޮތީ ތާވަލުގެ ހަތްވަނާގައެވެ.