ފެލިވަރުގައި 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ އިތުރު ކާރުޚާނާއެއް އަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ، މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއް ކަމަށެވެ. މި މައްސަލައަށް ބަލައިލާއިރު، ރާއްޖެއިން ދިވެހި ކަނޑުމަސް ބޭރުކުރެވޭ އެއްގޮތަކީ، ގަނޑުކޮށްގެން ރޯމަހުގެ ގޮތުގައި ބޭރުކުރުން ކަމަށާއި، މިގޮތަށް މަސް ބޭރުކުރުމުން ލިބޭ އަގަށްވުރެ މަތީ އަގު ލިބޭ ގޮތްތައް ހުންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެތެރެއިން އެއްގޮތަކީ، އެ މަސް ބާނަނީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަން އެނގޭހެން އެ މަސް ބޭރުކުރުން ކަމަށާއި، ދިވެހީން ޒަމާނުއްސުރެ މަސްބާނައި އުޅޭ ސަގާފީ ގޮތް އެނގޭނޭހެން ދިވެހިރާއްޖޭގެ ނަމުގައި އެ މަސް ބޭރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެއީ ބޭރުގެ ޤައުމުތަކަށް ދިވެހި ކަޅުބިލަމަސް ވިއްކުމުގައި، އޭގެ އަގަށް އިތުރަށް ގެނެވޭނެ އިތުރުކުރުމަކަށް ވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުން އެކަން އެގޮތައް ކުރައްވާނެ ކަމަށާއި، އޭރުން ރާއްޖެއަށް ރީތި ނަން އިތުރަށް ލިބި، ދިވެހި މަސްވެރިންނަށް ބޭރު ޤައުމުތަކުގެ ތާރީފު ލިބި، ލިބޭ އާމްދަނީ އިތުރުވެގެން ވެސް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''މިގޮތަށް މިކަން ނުކުރެވި މިހާރު އޮތްގޮތަށް ކުރިއަށްދާއިރު ވަނީ ކިހިނެއްތޯ؟ ދިވެހި ކަޅުބިލަ މަހުގެ 65 އިންސައްތަ ބޭރުކުރެވެނީ، ގަނޑުކުރި މަހުގެ ގޮތުގައި ބޭރުގެ ކޭނެރީތަކަށް. މިގޮތަށް ކަންތައްތައް އޮތުމުން، ތިމާވެށްޓާ ރަޙްމަތްތެރިކޮށް ދިވެހި މަސްވެރިން ބާނާ މަހުގެ ބޮޑު ފައިދާއެއް ނާޖާއިޒު ގޮތުގައި ނަގަނީ، އެހެން ފަރާތްތަކުން، ބޭރުގެ މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން. އަޅުގަނޑު ބޭނުންވަނީ، އެ ފައިދާ ޖާއިޒުގޮތުގައި ދިވެހި މަސްވެރިންނަށް ލިބޭނެގޮތަކަށް މި ނިޒާމު ބަދަލުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ކުރާނަން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަމަށްޓަކައި ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މި ދާއިރާއިން އިންވެސްޓް ކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދެއްވާނެ ކަމަށެވެ. އަދި މިނޫންވެސް މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

''ހަމަ އެހެންމެ، ފެލިވަރު ކާރުޚާނާ އިތުރަށް ތަރައްޤީ ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އިތުރު 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމުގެ މަސައްކަތް ހިމެނޭ. މިއީ މިފްކޯއިން އަގު އެއްކުރެވިގެން އެކްސްޕޯޓް ކުރާ ދަޅުމަހުގެ ބާވަތްތަކުގެ މިންވަރު އިތުރުކުރުމަށް އޮތް ވަރަށް މުހިންމު ފުރުޞަތެއް.'' ރައީސް ވިދާޅުވިއެވެ.