ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލާން ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ މެންބަރުން މިރޭ ޕީއެންސީގެ ރަސްމީ އޮފީހަށް ހިނގައްޖެއެވެ.
އެ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ހުޅުވައިލީ 7 ޑިސެމްބަރުން 11 ޑިސެންބަރު 2023 އަށެވެ.
މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު ވަޒީރު މަލްޝާ ޝަރީފް މިރޭ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ހިމެނޭ ވީޑިއޯ އަކުން ވަނީ ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ މަޖިލީހުގެ ޕްރައިމަރީއަށް ކުރިމަތިލާން ފޯމު ހުށަހަޅަން ގޮސްތިބި މެންބަރުން ދައްކައިލާފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕީއެންސީ އޮފީސްތެރެ އޮތީ އެއްކޮށްހެން ފުރި ބާރުވެފައެވެ.
Happening now at PNC’s office. Members lining up to give their Majilis Primary application form.
It is very packed here right now!! pic.twitter.com/0tSJkS8Run
— Malsha (@malshasharyf) December 9, 2023
20 ވަނަ މަޖިލީހަށް 93 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި ހުރިހާ ގޮނޑިތަކަށް އެ އިއްތިހާދުން ވާދަކުރާއިރު، ބައެއް ދާއިރާތަކުގައި އެމްއެންޕީ އާއި އެމްޑީއޭ ހިމަނައިގެން ޕްރައިމަރީ ބާއްވަން ވެސް ވަނީ ނިންމާފައެވެ.
ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ މަޖިލީހުގެ ޕްރައިމަރީގައި 10 ޑިސެންބަރު 2023ގެ ނިޔަލަށް އެ އިއްތިހާދުގެ ޕާޓީތަކާއި ގުޅިފައިވާ މެންބަރުން ވާދަ ވެސް ކުރެވެއެވެ. އަދި ވޯޓު ވެސް ލެވެއެވެ.
މަޖިލީހުގެ އިންތިޚާބު އޮންނާނެ ތާރީޚެއް އަދި އިލެކްޝަން ކޮމިޝަން (އީސީ) އެއްކޮށް ފައިނަލެއް ނުކުރެއެވެ. ނަމަވެސް މަޖިލީހުގެ ލަފަޔާއެކު އެ އިންތިޚާބު އޮންނާނީ އަންނަ ރޯދަމަހުގެ ފަހުން ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!