އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި ނަޕޯލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޔުވެންޓަސް އޮތީ ކުޅުނު 15 މެޗުން ލިބުނު 36 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އިންޓަ މިލާނަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އިންޓަ މިލާނާއި އުދިނޭޒީ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އިންޓައަށް އެބައޮތެވެ. ރޭ މެޗުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ މިވަގުތު އޮތީ ތާވަލުގެ 5 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 51 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ޖަހައިދިނީ ފެޑެރިކޯ ގަޓީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ކަމްބިއާސޯ ނަޕޯލީގެ އޭރިއާ ތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިދިޔަ ހަފްތާގައި މޮންޒާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް އިތުރު ވަގުތުގެ ތެރޭ ލަނޑުޖަހައި ޔުވެންޓަސް މޮޅުކޮށްދިނީ ވެސް ގަޓީއެވެ.
ރޭ މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ބޭނުން ނުހިފިފައެވެ. ނަޕޯލީގެ އޮޝީމެން އާއި ކްވަރަސްޚޭލިއާއަށް ލިބުނު ހުސް ފުރުޞަތުތަކުގެ ބޭނުން ނުހިފުނެވެ. ޔުވެންޓަސްގެ ވުލަހޮވިޗް ފޮނުވާލި ހަމަލާ ދަނޑީގައި ޖެހިފައި ނުކުތްއިރު، ކިއޭސާއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތު ލިބި ބޭކާރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!