ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަޤްޞަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއްކަމުގައި ނައިބު ރައީސް ވަނީ އިއްޔެގެ ވާހަކަފުޅުގައި ވިދާޅުވެފައެވެ. މިގޮތުން، މި ދެޤައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިޙްތިރާމާއި ދެ ޤައުމުން ޙިއްޞާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ވިދާާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެ-ޗައިނާ، ދެޤައުމަށް ވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ފޯރަމްގައި ނައިބު ދެއްކެވި ވާހަކަފުޅުގައި ގައި ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ދިވެހިރާއްޖެ ޕްރޮމޯޓްވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަޙައްދާއި، އެނޫން ވެސް ސަރަޙައްދުތަކުގެ ޤައުމުތަކާ ގުޅިގެން ސަރަޙައްދީ ކުރިއެރުމަށާއި ސުލްޙަމަސަލަސްކަމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަކަން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާ ގާތްގުޅުމެއް އުފައްދައި މަޝްވަރާއަށް އިސްކަންދީ، ޞުލްޙަވެރިކަމާއި އެކުވެރިކަމާއެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅަމުން އަންނަކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފަވެއެވެ.
ޗައިނާގައި ކުރިއަށްދާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ފޯރަމަކީ، ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!