އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގާއިމްކުރި "ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކަޑަމީ"، މިއަދު ހުޅުވައިފިއެވެ.
މި އެކަޑަމީ ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިއަދު ބޭއްވި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.
އޭސީސީން ބުނީ މިއީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހިގެންދާނެ ފަދައިން ތައުލީމާއި ތަމްރީނު ދިނުމާއި، ދިރާސާކުރުމާއި ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ގާއިމުކުރި ތަނެއް ކަމަށެވެ.
ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުންނާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގުމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި އުފައްދާފައިވާ މުއައްސަސާއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުއްދައާއެކު ރަޖިސްޓަރކުރެވިފައިވާ ތަނެކެވެ.
މި އެކެޑެމީގެ ކޯސްތައް ސެޓްފިކެޓް 4 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތަކާއެކު މިވަގުތު ފަށައިގަތް ނަމަވެސް އަމާޒަކީ މާސްޓާސް ލެވެލްގެ ޕްރޮގްރާމްތައްވެސް ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީގައި ކުރިއަށްގެންދިއުން ކަމަށް އޭސީސީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!