ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި އިމާދުއްދީން ސްކޫލްގައި ތެރަޕީ ރޫމެއް ގާއިމްކޮށްފިއެވެ.

މިއީ މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރާ އިންވެސްޓްމަންޓްގެ ދަށުން، އިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ގާއިމުކުރި ތެރަޕީ ރޫމެކެވެ.

Ad
rt

މި ތެރަޕީ ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެކުދިންގެ ގާބިލްކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެންނެވެ. އަދި 'ސެންސަރީ އެކްޓިވިޓީސް އާއި ކައުންސިލިން” ވެސް މި ތެރަޕީ ރޫމުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން މި ތެރަޕީ ރޫމް ބޭނުންކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކުން އަންނަނީ، ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ގިނަ ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުންނެވެ. އެގޮތުން ތައުލީމީ ދާއިރާ އަކީ ބީއެމްއެލުން ހާއްސަކަމެއްދޭ މުހިންމު ދާއިރެއެއް ކަން އެ ބޭންކުން ފާހަގަކުރެއެވެ.

ފާއިތުވި ހަތަރު އަހަރުގައި ބީއެމްއެލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕެޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހިދިޔާކޮށްފައެވެ. އަދި އެ ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަ ލެބް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.