ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ (އޭޕީ) މިއަދު މަޝްވަރާކޮށްފިއެވެ.
އެމްޑީޕީން ބުނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި އެ ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމުނުކަމަށް އެމްޑީޕީން ބުންޏެވެ.
އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެއްކަން ފާހަގަކޮށް، އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް މި ޕާޓީއާއެކު މަސައްކަތްކޮށްފައިވާ ސިޔާސީ ޕާޓީއެއްކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީއާއި އަދާލަތު ޕާޓީ މަޝްވަރާއެއް ކުރިއަށް ގެންދިޔައިރު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދެ ޕާޓީން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
އެމްޑީޕީން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެކަމަށް ކުރިން ބުނެފައިވާއިރު، އަދާލަތުން ވެސް ފަސް ވަރަކަށް ގޮނޑިއަށް ވާދަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އިނގިފަވެއެވެ.
އަންނަ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމި ނަމަވެސް، އެ އިންތިޚާބު ރޯދައިގެ ފަހަށް ބާއްވަން މަޖިލީހުން ވަނީ އީސީ އަށް މަޝްވަރާ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!