ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މިއީ އެ ޤައުމުގައި އޮންނަ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި އޮންނަ މި ފޯރަމަކީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ސީ.އައި.ޑީ.ސީ.އޭ. އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމްގައި ތަޤުރީރު ކުރައްވާނެއެވެ. އަދި ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރައްވާނެއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11 އިން 12 އަށް ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.
މިދަތުރުފުޅުގައި ނައިބު ރައީސް ހުސެންގެ އަރިހުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!