އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މިއަދު ފެނިފައިވާއިރު، އެ މައްސަލައިގެ ތުހުމަތުގައި ސްރީލަންކާ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާ އަންހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް، ސްރީލަންކާ އަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ހުއްޓައެވެ.
އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިގެން އެރަށުގައި ފުލުހުން ހަރަކާތްތެރިވާން ފެށީ މިއަދު ހެނދުނުއެވެ.
އެ ކުއްޖާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔުމުން، އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވާފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!