ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) މަގާމަށް ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ހަމަޖައްސައިފި އެވެ.

މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި، ހީނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޚާރިޖީ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ.

Ad
rt

މީޑިއާގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހީނާ މި މަގާމަށް ހަމަޖެއްސިއިރު، މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ.

އެންސްޕާގެ މައިގަނޑު މަސައްކަތަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. އަދި މީގެ އިތުރުން ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމެވެ.

އެންސްޕާ އިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކަކީ:-

  • ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް،
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް،
  • ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
  • ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް،
  • ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
  • އިޖްތިމާޢީ ސިއްޙީ އިންޝުއަރަންސް ސްކީމް

އެންސްޕާ އުފައްދާފައި ވަނީ 27 އޯގަސްޓް 2008 ގައެވެ. އެ އިދާރާގެ ސީއީއޯއަކަށް ކުރީ ސަރުކާރުގައި ހުންނެވީ މަރްޔަމް ޝަފީޤް އެވެ.